އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރެއްގެ ގޮތުގައި ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު އެ ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު އެ ކޮމިޝަނުން ވަކިވެވަޑައިގެންފިއެވެ.

ހަބީބު މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާންމު އިންތިހާބުތައް ރާވައި ހިންގުމުގައި، އިންތިހާބުތަކާ ބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި ކޮމިޝަންގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ހިދުމަތްކުރަން ލިބުނު 21 އަހަރަކީ ދެމިހުންނާނެ ތަޖުރިބާތަކެއް ކަމަށެވެ.

އަދި އީސީގެ މުވައްޒަފުންނާއި މެންބަރުންނާއި މުވައްސަސާތަކުންނާއި ޕާޓީތަކުންނާއި މީޑިއާގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން ކުރެއްވި އިތުބާރަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ގާނޫނުގައިވާ ގޮތުން ކޮމިޝަންގެ މެންބަރު ކަމުގެ ދައުރަކީ ފަސް އަހަރުގެ މުއްތަކެވެ. އަދި އެކަމަށް ފުރިހަމަ ކުރެވޭނީ ގިނަ ވެގެން ދެ ދައުރެވެ. އެގޮތުން ކޮމިޝަންގެ މެންބަރު ކަމަށް ހަބީބު އެންމެ ފުރަތަމަ އައްޔަންކޮށްފައި ވަނީ، 13 މާޗް 2014ގައެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް ކޮމިޝަންގެ މެންބަރު ކަމަށް ހަބީބު އައްޔަންކޮށްފައި ވަނީ، 13 މާޗް 2019ގައެވެ.

އިލެކްޝަންސް ކޮމިޝަން މެންބަރު ކަމަށް އައްޔަން ކުރުމުގެ ކުރިން ހަބީބް ވަނީ 2013 ވަނަ އަހަރުން ފެށިގެން އޭޭރުގެ އިންތިހާބުތަކާ ބެހޭ އޮފީހުގައި ގިނަ ހިދުމަތްތަކެއް ކުރައްވައިފައެވެ.