އެކި ރަށްރަށުގައި ހިއްކާފައި، ބޭނުންނުކޮށް ހުރި ބިންތަކުގައި އިންފްރާސްޓްރަކްޗާ ގާއިމް ކުރުމުގެ ބޮޑު މަޝްރޫއެއް މިއަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރު ފުޅެއްގައި މިއަދު މެންދުރުފަހު ޅ. ހިންނަވަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ވަރަށް ގިނަ ރަށްރަށުގައި ބޭނުމެއް ނުކުރެވޭ ގޮތަށް ބޮޑެތި ބިންތަކެއް ހިއްކާފައިވާ ކަމަށެވެ. އަދި އެ ބިންތަކުގައި ކުރާނެ ކަމެއް ނެތިފައި އޮތް އިރު، ފައިސާ ދޭންޖެހޭ ފަރާތްތަކަށް ކުރީގެ ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން ރަށްރަށުގައި ހިންގާ ތަރައްގީގެ ގިން މަޝްރޫއުތަކެއް ހުއްޓިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މިހާރު އެ ފަރާތްތަކަށް ސަރުކާރުން ފައިސާ ދޫކުރެވޭ މިންވަރުން މަސައްކަތްތައް ފަށާމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގިނަ ރަށްތަކެއްގައި ބިން ހިއްކާފައި ހުރި ނަމަވެސް އެބިންތައް އޮންނަނީ ހަނަފަސްކޮށް، އެއްވެސް ބޭނުމެއް ނުހިފޭ ގޮތަށް ކަމަށެވެ. ފެނާއި ނަރުދަމާ އާއި ކަރަންޓް ނެތުމާއި މަގު ހަދާފައި ނެތުމުގެ ސަަބަބުން ދިރުއުޅުމަށްވެސް އަދި އެހެން ކަމަކަށްވެސް އެ ތަންތަން ބޭނުން ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ވިދާޅުވީ، ހިއްކާފައި ހުރި ބިންތަކުގައި އިންފްރާސްޓްރަކްޗާ ގާއިމް ކުރުމުގެ ހާއްސަ ޕްރޮޖެކްޓެއް މިއަހަރު ފައްޓަވާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރުވެސް ބިން ހިއްކާފައި، އެއްވެސް ބޭނުމެއް ނުހިފޭ ގޮތަށް ހުރި ރަށްރަށް ކަމަށްވެސް ވިދާޅުވިއެވެ.
އޭރުން ހިއްކި ބިމުގެ ބޭނުން ހިފި، އެ ތަންތަނުގައި ހަގީގީ ކުލަ ޖެހިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު