މޯލްޑިވްސް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ އަންހެން މުވައްޒަފުންނަށް ހާއްސަ ލުއިތަކެއް ދީފިއެވެ.
އަންހެނުންގެ ދުވަހާ ގުޅުވައި އެމްޓީސީސީން އިއްޔެ ހަވީރު ހުލުމާލެ ފެރީ ޓާމިނަލްގެ ބަސް ޕާކިންގް އޭރިޔާގައި ބޭއްވި ހާއްސަ މާހެފުމެއްގައި އެކުންފުނީގެ ޗީފް އެކްޒެކެޓިވް އޮފިސާ އަބްދުﷲ ޒިޔާދު ވިދާޅުވީ އަންހެން މުވައްޒަފުންނަށް، އެ ކުންފުނީގެ ހިއުމަން ރިސޯސް މެނޭޖްމެންޓުން ކަނޑައަޅާ ހާއްސަ އުސޫލުތަކެއްގެ ތެރެއިން މާބަޑު އަންހެނުންނާއި ދެ އަހަރު ނުފުރޭ ކުދިންގެ މައިންނަށް ތިން ގަޑިއިރުގެ ބްރޭކެއް ހަމަޖެހޭނެ ކަމަށެވެ.
"އެފަދަ އިނާޔަތްތައް ހަމަޖެއްސުމުގެ ބޭނުމަކީ، އެ ކުންފުންޏަކީ މާބަޑު އަންހެން މުވައްޒަފުންނާއި ކުޑަކުދިން ބަލަހައްޓާ އަންހެން މުވައްޒަފުންނަށް ވަޒީފާ އަދާކުރަން ފަސޭހަ މާހައުލަކަށް އެމްޓީސީސީގެ މާހައުލު ހެދުމުގެ ބޭނުމުގައި،" ޒިޔާދު ވިދާޅުވިއެވެ.
އެކުންފުނިން ކޮންމެ އަހަރެއްގެ އަންހެނުންގެ ދުވަސް ފާހަގަކުރާ އެންމެ ބޮޑުއެއް ސަބަބަކީ އެކިއެކި މައިދާންތަކުގައި ފިރިހެނުންނާ ހަމަހަމަ ފުރުސަތެއް އަންހެނުންނަށްވެސް ހޯދައިދިނުމަށް ކަމަށް ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ އެމްޓީސީސީ އުފެދުނީއްސުރެ، އެ ކުންފުންޏަކީ އަންހެން މުވައްޒަފުންނަށް ފުރުސަތުތައް ފަހިކޮށްދީ ބާރުވެރިކުރުމަށް މަސައްކަތް ކުރާ، އެކަމުން ނަމޫނާ ދައްކާ ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ ސީނިޔާ މެނޭޖުމަންޓުން ފެށިގެން ހުރިހާ ފަންތިއެއްގެ މުވައްޒަފުންނާ ހަމައަށް ފެންނަ މޫނުތަކުގެ ތެރޭގައި އަންހެނުން ހިމެނުމަކީ އުފަލެއް ކަމަށެވެ.
މިހާރުވެސް އެކުންފުނީގައި އަންހެން ޕްރޮޖެކްޓް މެނެޖަރުންނާއި ސައިޓް ސުޕަވައިޒަރުންނާއި ސާވޭއިން އޮފިސަރުންނާއި ބަސް އެޓެންޑެންޓުންނާއި ބަސް ޑްރައިވަރުންނާއި އަދި ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައިވެސް އެމްޓީސީސީގައި އަންހެނުން މަސައްކަތް ކުރަމުންގެންދެއެވެ.
އެމްޓީސީސީގެ އިތުރަށް ބުނީ، ކުރިޔަށް އޮތް ތަނުގައި ވެލްޑަރުންނާއި ކާޕެންޓަރުންނާއި ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި ލޯންޗް އޮޕަރޭޓަރުންނާއި ފަޅުވެރިންގެ ވަޒީފާތަކުގައިވެސް ކަނބަލުން ފެނިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު