ޅ. ކުރެންދޫގެ ބައެއްގެ ގޮތުގައި އެރަށާ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ޅޮސްއަލަފުށި ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޅ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުރެންދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ ކުރެންދޫގައި 2000 އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭ ކަމަށާއި ނަމަވެސް ރަށުގެ ބިން މިހާރު ހުސްވެފައިވާ ކަމަށެވެ. އަދި ރަށުގެ ތަރައްގީއަށް ބޭނުންވާ ފަރަށް އެރަށުގެ ފަޅުތެރޭގައި ޖާގަ ނެތް ކަމަށާއި މިހާރު ކުރިއަށްދާ 50 ހައުސިން ޔުނިޓުން ނުފުދޭނެ ކަމަށެވެ. އަދި ބިން ހިއްކައިގެން ވެސް އެކަން ހައްލު ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ އިގުތިސޯދީ ކުރިއެރުމަށް ކައުންސިލްތަކަށް ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ރަށާ ކައިރިން ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ކައުންސިލްތަކަށް ފަހިކޮށްދެމުންދާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ގަސްތުކުރަނީ މިރަށުގެ ކުރިމަގަށްޓަކައި ދާއިމީ ތަރައްގީއަކަށްޓަކައި މިތާ މާ ދުރުނޫން ހިސާބެއްގައި އޮތް ޅޮސްއަލަފުއްޓަކީ މިރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް. ނަމަވެސް އެކަންކުރުމަށް މަސައްކަތް ކުރަންޖެހޭ. އަޅުގަނޑުވެސް އޭރުގެ ވަޒީރަކަށް ހުރި މިނިސްޓްރީގެ ތެރެއިން އެކި އެކި އެގްރީމެންޓްތައް ހެދިފައި އޮތް ރަށެއް،" ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު ކައުންސިލް ބައްދަލުވުމުގައި ދެންނެވި ގޮތަށް އެހުރިހާ އެގްރީމެންޓްތަކުން އެރަށް ވަކިކޮށް އޮންނަ އުސޫލުތަކުގެ ތެރެއިން ދައުލަތަށްވެސް އެންމެ ފައިދާވާ ގޮތަށް އެކަންކޮށް މިރަށުގެ ރައްޔިތުންގެ އާންމު މަސްލަހަތާއި މި ދާއިރާގެ ތަރައްގީގެ އާންމު މަސްލަހަތަށް ތިބޭފުޅުންގެ ކުރިމަގަށްޓަކައި ދަރީންގެ ދަރީންގެ މުސްތަގުބަލަށްތަކައި އެރަށް ވަކިކޮށް ސަލާމަތްކޮށް، ޅޮސްއަލަފުއްޓަކީ ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް އަޅުގަނޑަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނަން،"

ރައީސް ވަނީ އެރަށުގެ ސްކޫލުގެ ތަރައްގީއަށް މިހާރު ކުރިއަށްގެންދާ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށް ގެންދަވާނެ ކަމަށާއި އިތުރު ވަސީލަތްތައްވެސް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި މިރަށުގެ ތަރައްގީއަށް ކުރައްވަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.