ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ހަދިޔާކުރާ 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ހޮނިހިރު ދުވަހު ދޫކުރަން ފަށާނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯ އިން މިރޭ ބުނީ އެތަކެތި ބެހުމުގެ މަސައްކަތް ކުރާނީ މިނިސްޓްރީތަކާއި، ކައުންސިލުތަކާއި އަދި ބައެއް އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން ކަމަށެވެ.

މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ފަށާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ބުންޏެވެ. މާލޭ ސަރަހައްދުގައި މުދާ ދޫކުރުމަށް ހަތް ސަރަހައްދެއް ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މާލޭގައި ދިރިއުޅޭ މީހުން ހަނޑުލާއި ފުށް ހޯދުމަށް ދާން ޖެހޭނީ ސޯޝަލް ސެންޓަރަށާއި ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް (ގަލޮޅު ދަނޑު) ކަމަށެވެ. ވިލިމާލެ މީހުން ބިއްރި މިސްކިތް ހޯލަށް ހަނޑުލާއި ފުށް ހޯދަން ދާން ޖެހޭ އިރު، ހުޅުމާލެ ފޭސް އެކެއްގެ މީހުންގެ ދާން ޖެހޭނީ އުމަރު ޒާހިރު ބިލްޑިންއަށެވެ. އަދި ހުޅުމާލެ ފޭސް ދޭއްގެ މީހުން ދާން ޖެހެނީ ހިޔާ ފުލެޓް ޓަވަރު 10 ގެ ޔޫތު ސެންޓަރަށެވެ.

މާލޭ ސަރަހައްދުގައި މުދާ ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށް ކަމަށް އެސްޓީއޯން ބުންޏެވެ. ރޯދަ މަހުގެ މުދާ ދޫކުރާނީ ހެނދުނު 9:30 އިން މެންދުރު 1:00 އަށް ކަމަށެވެ. އަދި ރޭގަނޑު 9:00 އިން 11:30 އަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ރަށްރަށަށް ގެންދާ މުދާ ދޯނިތަކަށް ބަރުކުރަން އިއްޔެ ފަށައިފައިވާ ކަމަށާއި ރަށްރަށުގައި ގޭބިސީތަކަށް މުދާ ދޫކުރާނީ އެ ރަށެއްގެ ކައުންސިލަކުން ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ރޯދަ ހަދިޔާ ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި ހަދިޔާ ދޫކުރަނީ ކަރަންޓު މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ބަލައި އަންނަ ފަރާތުގެ އައިޑީކާޑު ނަންބަރު ނޯޓު ކުރުމަށްފަހު ކަމަށް އެސްޓީއޯ އިން ބުންޏެވެ.