ވ. ފެލިދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށައި، މިއަހަރުގެ ތެރޭ އެ މަސައްކަތް ނިންމޭނެ ކަމަށް ރަައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެލިދުއަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއު ފެށޭ އަވަސްމިނާއި ލަސްމިން ބަރޯސާވަނީ ބަޖެޓުގެ ތެރެއިން އެ ޖާގަ ލިބިފައި އޮތް މިންވަރަކުން ކަމަށާއި ބަޖެޓު ނެތި ބައެއް ފަހަރު މަޝްރޫއު އަވަހަށް ފަށައިފިއްޔާ ވަކި ހިސާބަކުން މަސައްކަތް ހުއްޓުމަކަށް އަންނަ ކަމަށެވެ.

"އެހެންވީމާ ބައެއް ފަހަރު މަޝްރޫއުތައް ލަސްކޮށްލަން ޖެހޭ އަހަރުގެ މެދުތެރެއަށް ނޫނިއްޔާ އެއަށްވުރެ ވެސް ތަންކޮޅެއް ލަސްކޮށްލަން ޖެހޭ. ދެވަނަ ކަމަކަށް އާމްދަނީ ހޯދުމަށް މި ކުރެވޭ މަސައްކަތުން އެ ލިބޭ ކުރިއެރުމަށް ވެސް ޑިފެންޑުވާ ކަމެއް އެއީ. ކޮންމެގޮތެއްވިޔަސް މިއަހަރުގެ ތެރޭގައި މި މަޝްރޫއު ކުރިއަށްގެންގޮސް ނިންމައިލުން އަޅުގަނޑުމެންގެ އަމާޒަކީ، އިރާދަކުރެއްވިއްޔާ އެގޮތުގައި އެކަން ކޮށްދޭނަން. ދެން އުފެދޭ ބިމުގައި ދެން ކުރިއަށްގެންދަން ޖެހޭ މަސައްކަތްތައް ކުރިއަށްގެންދާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލާއި މިނިސްޓްރީއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކޮށް ނިންމުމުން ބަޔަކު ހޯދައިގެން އެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށާއި ފެލިދޫގެ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ގެނައުމަށް ބިން ހިއްކަން ޖެހޭ ކަމަށެވެ. އަދި ބަޖެޓުގައި ފެލިދޫގެ ބިން ހިއްކުން ހިމަނާފައިވީ ނަމަވެސް، މިދިޔަ ސަރުކާރުން އެ މަޝްރޫއަށް ހިމަނައިދިނީ ވަރަށް ކުޑަ އަދަދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކޮންމެގޮތެއްވިޔަސް ގިނަ ވައުދުތަކެއް ފުއްދުމަށް އަޅުގަނޑުމެން މަޝްރޫއުތަކެއް ހުށަހެޅިން. މި ރަށުގެ ބިން ހިއްކުން އެބައޮތް ހިމެނިފައި، އެހެންނަމަވެސް އޮތީ ވަރަށް ކުޑަ އަދަދެއްގެ ފައިސާކޮޅެއް ހިމަނާފައި. ކޮންމެގޮތެއްވިޔަސް މިއީ އަޅުގަނޑު ވީ ވައުދެއް، އަދި މައްސަލަ ހައްލުކުރުމަށް މި ރަށަށް އެންމެ މުހިންމު ކަންތައް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ފެލިދޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ބިން ހިއްކުމުގެ މަޝްރޫއު ކަމަށްވާތީ އެކަމަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި ފެލިދޫގެ ފަޅުތެރޭގައި ޖާގަ އޮތް މިންވަރަކުން ހިއްކޭނެ އެންމެ ބޮޑަކަށް ހިއްކައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.