ބެންކޮކް އެއާޕޯޓުން ދަތުރުކުރި އިންޑިއާ ބައެއްގެ ލަގެޖުން ގިނަ އަދަދެއްގެ ޖަނަވާރު ފެނިއްޖެއެވެ.

ތައިލެންޑުގެ ކަސްޓަމްސް އޮފިޝަލުން ބުނީ އިންޑިއާއަށް ނިސްބަތްވާ ހަ މީހަކު ބެންކޮކްގެ ބައިނަލްއަގުވާމީ އެއާޕޯޓުން އަތުލައިގެންފައިވާ ކަމަށާއި އެމީހުންގެ އަތުން ޕެންޑާގެ އިތުރުން އެހެނިހެން ބައެއް ޖަނަވާރުވެސް ފެނިފައިވާކަމަށެވެ.

ކަސްޓަމްސް އޮފިޝަލުން ބުނީ އެމީހުންގެ ލަގެޖު ބަލައި ފާސްކުރުމުން 87 ޖަނަވާރު ފެނިފައިވާކަމަށާއި އޭގެ ތެރޭގައި ހަރުފައާއި ގުރާގެ އިތުރުން އެކި ބާވަތުގެ ބޮނޑުވެސް ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ އެ ހަމީހުން ދަތުރުކުރަމުން ދިޔައީ ބެންކޮކުން އިންޑިއާގެ މުމްބާއީއަށް ދިއުމަށް ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

އެމީހުން ތައިލެންޑުން ބޭރުކުރަން މަސައްކަތް ކުރި ޖަނަވާރުތަކުގެ ތެރެއިން އެއް ޖަނަވާރަކީ ރެޑް ޕެންޑާއެއް ކަމަށް އޮފިޝަލުން ބުނެއެވެ. އެއީ ދުނިޔެއިން މަދުވެފައިވާ އަދި ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ.

ކަސްޓަމުން އަތުލައިގަތް އިންޑިއާގެ ހަމީހުންގެ މައްސަލަ ބަލައި ތަހުގީގު ފަށާފައިވާއިރު އޮފިޝަލުން ވަނީ އެމީހުންނަށް 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.