ހޫތީން އަނެއްކާވެސް ކާގޯ ބޯޓަކަށް ހަމަލާދީފިއެވެ.

ޔަމަނުގެ އައްސޭރިފަށާ ކައިރިން ދަތުރުކުރި އެ ކާގޯ ބޯޓަށް ހަމަލާ ދިނުމާއެކު ބޯޓުގައި އަލިފާން ރޯވެފައިވާކަމަށާއި ފަޅުވެރިން ބޯޓު ދޫކޮށް ފައިބައިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަތް ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ އޮފިޝަލުން ވަނީ ހޫތީން ދިން ހަމަލާގައި ބޯތުގެ ބައެއް ފަޅުވެރިން މަރުވެފައިވާކަމަށް ބެލެވޭކަމަށްވެސް ބުނެފައެވެ.

ޔަމަނުގެ ވެރިރަށް އަޑެން އާއި 50 ނޯޓިކަލް މޭލު ދުރުން ދަތުރުކުރަމުންދިޔަ އެ ކާގޯ ބޯޓަށް ހަމަލާދިން ވަގުތު ބާރުގަދަ އަޑެއް ގޮވައި ބޯކޮށް ކަޅުދުން އެރިކަމަށް އިނގިރޭސި މެރިޓައިމް ޓްރޭޑް އޮޕަރޭޝަން "ޔޫކޭއެމްޓީއޯ" އާއި ހަވާލާދީ ނޫސްތަކުން ބުނެއެވެ.

ޔޫކޭއެމްޓީއޯ އިން ވަނީ އެ ބޯޓު މިހާރު ކަނޑުމައްޗަށް ޖޫކޮށްލާފައިވާކަމަށް ބުނެފައެވެ.

އޮފިޝަލުން ވަނީ ހޫތީން ހަމަލާ ދީފައިވަނީ ލައިބީރިއާއަށް ނިސްބަތްވާ ބޯޓަކަށް ކަމަށް ބުނެފައެވެ. އެބޯޓުން ދަތުރުކޮށްފައިވަނީ 20 ފަޅުވެރިން ކަމަށާއި އޭގެތެރޭގައި ހިމެނެނީ ފިލިޕީންސަށް ނިސްބަތްވާ 15 މީހުންނާއި އިންޑިއާ މީހެއްގެ އިތުރުން ވިއެޓްނާމް 4 މީހުންނެވެ.