ފަސް އަހަރުގެ ދައުރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރަށް ޒިޔާރަތް ކުރައްވާނެ ކަމަށާއި ދެން ހުރިހާ ރަށަކަށް ވަޑައިގަންނަވާނީ 2026 ވަނަ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުލަކަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ބޭނުން ވަނީ ލާމަރުކަޒީ ނިޒާމަކީ ހަމައެކަނި ގާނޫނުގައި ނުވަތަ ފޮތުގައި ލިޔެފައިވާ ޖުމުލަތަކެއްގެ ބަދަލުގައި އަމަލީ ގޮތުން އެ ނިޒާމު ތަންފީޒުކުރަން ކަމަށެވެ.

"އެހެންވީމަ ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރުމުގެ ކުރީގައި ނުވަތަ ފަހުންވެސް ވަގުތު އޮތް ނަމަ ކައުންސިލްތަކާ ބައްދަލުކުރުމަށް ކައުންސިލްތަކުގެ ބައިވެރިވުން މި ހިމަނަނީ. އެކަމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. ސީދާ ރައްޔިތުން ބޭނުންވާ ގޮތް ސާފުވެގެންދޭ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. އޭރަށް ރައްޔިތުންނާ ސީދާ ބައްދަލުވެ، ރައްޔިތުން ބޭނުންވާ ކަންކަން ސާފުވެ، މަޝްރޫއުތައް ކުރިއަށްގެންދާން ފަސޭހަ ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"އޭގެ ފަހުން މި މަސައްކަތްތައް ހިނގައިގަނެ، މި މަސައްކަތްތައްވެސް ނިމި، އާ މަސައްކަތްތައް ވެސް ކުރިއަށްދާ ގޮތް ބެލުމަށްޓަކައި އަދި އެއް އަހަރު ފަހުން 2026 ގައި ހަމަ މީގެ ދެވަނަ ރައުންޑެއް އަޅުގަނޑު ޕްލޭންކޮށްފައި މި އޮތީ. ހުރިހާ ރަށަކަށް ދެވަނަ ބުރަކަށް ދާގޮތަށް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ގޮތަށް ކަންކަން ކޮށްދެމުންދާކަން ޔަގީންވާނެ ކަމަށެވެ. އަދި ބޭނުން ވަނީ ކޮންމެ ދުވަހަކުވެސް ކޮންމެ ވަގުތަކުވެސް ރައްޔިތުން ހަވާލުކުރި ޒިންމާގެ ދަށުން މަސައްކަތް ކުރައްވަން ކަމަށާއި ސަރުކާރާއި ހުރިހާ ވެރިންވެސް މުޅި ޓީމުވެސް މަސައްކަތް ކުރަނީ އެގޮތުގައި ކަމަށް ވިދާޅުވިއެވެ.