މ. މުލަކުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެ ރަށުގައި ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުލަކަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތައް ވެވަޑައިގެންފައިވާނެ ކަމަށާއި އެ ހުރިހާ ވައުދެއްވެސް ވެވަޑައިގެންނެވީ ފުއްދެވުމަށް ކަމަށެވެ.
މުލަކަށްވެސް ގިނަ ކަންކަން ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށާއި އެ ހުރިހާ ވައުދެއް އަކުރުން އަކުރަށް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ވައުދުވި ހުރިހާ ކަމެއް ކޮށްދޭނަން. ސިއްހީ މަރުކަޒުގެ ހިދުމަތް ރަނގަޅުކޮށް، ބަދަލުކޮށް ހޮސްޕިޓަލަކަށް ހަދައިދޭނަން. ހޮސްޕިޓަލެއް ގާއިމުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރާނަން. އަދި މިހާރުން މިހާރަށްވެސް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނަން. އަދި ހޮސްޕިޓަލަކަށް ބަދަލުކޮށްދީ އަޅުގަނޑުވީ ވައުދު ފުއްދައިދޭނަން،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ އެ ރަށުގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީ ކުރުމަށް ވެވަޑައިގެންނެވި ވައުދަށްވެސް އަލިއަޅުއްވާލައްވައި ވާހަކަދައްކަވައިފައެވެ. އެގޮތުން މަސްވެރިކަމުގެ ބަނދަރު ތަރައްގީކޮށްދީ، މަސްވެރިކަމުގެ އުމްރާނީ ތަރައްގީއަށް ކުރަމުންދާ މަސައްކަތް ހަލުވިކޮށް، އެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
- 1400 ފޫޓު ދިގުމިން ހުންނަ ގޮތަށް ބަނދަރު ބޮޑުކޮށްދިނުން
- މަގުތައް ހެދުމުގެ މަސައްކަތް އަވަސް މިނެއްގައި ކުރިއަށް ގެންދިއުން
- ޖެޓީގެ މަސައްކަތް ކޮށްދިނުން
- ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުން
- ކުނި މެނޭޖު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފެށުން
- ޔޫތު ސެންޓަރު ގާއިމުކޮށް ކުޅިވަރުތަކަަށް ހާއްސަ ތަންތަން ގާއިމުކުރުން
- އޭޓީއެމްއެއް ގާއިމްކޮށްދިނުން
ޚަބަރު
ޚަބަރު
ޚަބަރު