މެދު ރާއްޖެތެރޭގެ ތިން އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ވ. އަތޮޅުގެ އިތުރުން މ. އަތޮޅާއި ދ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި އެ ތިން އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ތިން އަތޮޅުގެ ވީހާވެސް ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ތިން އަތޮޅުގެ އަތޮޅު ކައުންސިލާވެސް ރައީސް ބައްދަލުކުރައްވާނެ ކަމަށް ބުންޏެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލްތަކާއި ބައްދަލުކުރެއްވުމަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިހާތަނަށް ވަނީ 121 ކައުންސިލަކާ ބައްދަލުކުރައްވައިފައެވެ.

މި ދަތުރުފުޅުތަކުގައި ރައީސް ވަނީ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރާނޭގޮތާ މެދު މަޝްވަރާކުރައްވައިފައެވެ.

ރައީސް ވަނީ، އެ މަނިކުފާނުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުންކަމުގައި ވިދާޅުވެފައެވެ.

ރައީސް ދަތުރުތައް ފެއްޓެވީ ތ. އަތޮޅުންނެވެ. އެ މަނިކުފާނު އެންމެ ފަހުން ވަޑައިގެންނެވީ ބ. އަތޮޅާއި ރ. އަތޮޅަށެވެ.