އުރީދޫ މޯލްޑިވްސްގެ "އުރީދޫ ނޭޝަން ގޭމާސް ލޭންޑު 2024" ރޭ އިފްތިތާހުކޮށްފިއެވެ.
ހުޅުމާލޭގައި ހުންނަ އުރީދޫ ހެޑްކުއާޓާސްގައި ބޭއްވި ރަސްމިއްޔާތެއްގައި ގޭމާސް ލޭންޑް އިފްތިތާހުކޮށްދެއްވީ އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) އެވެ.
އަންނަ އޮކްޓޫބަރު މަހު ފަށަން ނިންމާފައިވާ އުރީދޫ ނޭޝަން ގޭމާސް ލޭންޑަކީ ރާއްޖޭގެ އުފެދިފައިވާ ގޭމިން ކޮމިއުނިޓީ އާއި ގޭމް ކުޅޭ ހުރިހާ މީހުނަށް ބައިވެރިވެވޭ ގޮތަށް ރާވާފައިވާ ހަރަކާތެކެވެ.
އުރީދޫން ބުނީ މުޅި އަހަރަށް ބަހާލައިގެން ބޭއްވޭ އީއޭއެފްސީ 24، މޮބައިލް ލެޖެންޑްސް އަދި ޕަބްޖީ ޓޯނަމަންޓްތަކުގެ ޖުމްލަ ޕްރައިޒް ޕޫލްއަކީ 700،000 ރުފިޔާ ކަމަށެވެ.
މި އަހަރުގެ އުރީދޫ ނޭޝަންގައި އިންޓަ ސްކޫލް، އިންޓާ ޔުނިވާސިޓީ/ކޮލެޖު، އިންޓަ އޮފިސް، އިންޓަ ރިސޯޓު މުބާރާތްތައް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ، އުރިދޫއަކީ ރާއްޖޭގެ މުވާސަލާތީ ހިދުމަތަށް އިންގިލާބެއް ގެނެސްދީފައިވާ ކުންފުންޏެއް ކަމަށާއި އެ ކުންފުނިން އަންނަނީ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މިފަދަ މުބާރާތްތަކުގައި އާމްދަނީ ލިބޭނެ ގޮތްތައްވެސް ފަހިކޮށްދެމުން ކަމަށެވެ.
"ޒުވާނުންނަށްވެސް އަދި ގޭމު ކުޅޭ ހުރިހާ ފަރާތްތަކަށްވެސް ޔަގީންވާނެ ކަމަކީ އުރީދޫއިން ރާވާ މުބާރާތްތަކަކީ ފެންވަރު ރަގަޅު މުބާރާތްތަކެއްކަން. އަދި މި ފެންވަރުގައި އީ ސްޕޯޓްސްއަށް އުރީދޫއިން ދޭ ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" މިނިސްޓަރު ވިދާޅުވިއެވެ.
މި މުބާރާތާ ގުޅޭގޮތުން އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މި މުބާރާތަކީ ރާއްޖޭގައި ގޭމު ކުޅެން ޝައުގުވެރިވާ ހުރިހާ އެންމެނަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށްގެންދާ މުބާރާތެއް ކަމަށާއި މިފަހަރުގެ މުބާރާތް ރާއްޖެއިން ބޭރަށް ގެންދިޔުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އުރީދޫ ނޭޝަންގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް "އަލްޓިމޭޓް ޕްލޭޔާ" ޓްރޮފީ އަށް ވާދަކުރުމުގެ ފުރުސަތު އޮންނާނެއެވެ. "އަލްޓިމޭޓް ޕްލޭޔާ" އަކީ ގޭމަރުންގެ ތެރެއިން ހޮވާލެވޭ މޮޅު ފަންނާނެކެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނާނެއް ހޮވޭ ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު