ބ. ކެންދޫގެ ތަރައްގީއަށް ކުރަން ހުރި ހުރިހާ މަސައްކަތެއްގައި ކުލަ ޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ބ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތެރެއިން ކެންދުއަށް ވަޑައިގެން، މިއަދު ހަވީރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކެންދޫގައި ވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްގީއަށް ކުރަން ހުރި ހުރިހާ މަސައްކަތެއްގައި އަޅުގަނޑުމެން ކުލަ ޖައްސައިދޭނަން. މި ރަށުގައި ކުރަން ހުރި މަސައްކަތްތައް، ބަނދަރު މައްސަލަ އެންމެ ބޮޑު މައްސަލަ. ރަނގަޅު ފެންވަރުގައި ބަނދަރު ހަދައިދޭނަން އިރާދަކުރެއްވިއްޔާ. ބިން ހިއްކުމުގެ މަސައްކަތް ވެސް، އަދިވެސް ބައިވަރު މަސައްކަތްތައް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކެންދޫގެ ބަނދަރާއި ބިން އިތުރުކުރުމުގެ މަސައްކަތުގެ އިތުރުން މަގުތައް ހެދުމާއި، ދެ ބުރީގެ މިސްކިތެއް ހެދުމާއި، އޭޓީއެމްއެއް ބެހެއްޓުމާއި، އިޖުތިމާއީ މަރުކަޒެއް ގާއިމުކުރުން އަދި ފުޓުބޯޅަ ދަނޑުގައި ލައިޓު ހަރުކުރުމާއި ރޮސްޓްރޮމް ހެދުން ފަދަ ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ.

"އެހެންވީމާ މި ހުރިހާ ކަމެއް ކުރުމަށްޓަކައި ކުންފުނިތައް ހަރުދަނާކޮށްގެން، އިގުތިސާދު ވަރުގަދަކޮށްގެން އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރަށެއްގައި ތާވަލެއްގެ ތެރެއިން، އަހަރުގެ ތެރެއަށް ބަހާލައިގެން އަޅުގަނޑުމެން މަސައްކަތްތައް ރާވައިގެން މި ގެންދަނީ. މިހާރު ގިނަ ރަށްތަކެއްގައި ހުންނާނީ މިހެން ހުއްޓިފައި ހުންނަ މަސައްކަތްތަކެއް ހިންގައިގަންނަން ފަށާފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހުއްޓިފައިވާ މަޝްރޫއުތައް ފެށޭ ގޮތްވަނީ ކުރީ ސަރުކާރުން އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާތައް ދައްކަން ފެށުމުން ކަމަށާއި ކުރީ ސަރުކާރުން އެކި މަސައްކަތްތައް ކުރާ ކުންފުނިތަކަށް 9000 މިލިއަން ރުފިޔާ ނުދައްކައި އޮތް ކަމަށެވެ.