ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވައި ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތާދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވިދާޅުވީ ރައްޔިތުން އެދިފައިވާ ކަންކަމުގައި ކުލަޖައްސައިދެއްވާނެ ކަމަށާއި އުންމީދުތައް ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށެވެ. އަދި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަމަށް އިސްކަންދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ހުރިހާ ދާއިރާއެއްގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަންދެން. އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދެވޭނެ. ތިބޭފުޅުންގެ ކިބައިން އަޅުގަނޑު އެދެނީ ކުރިއަށް އޮތް ތަނުގައި ވެސް އެއްބާރުލުން ދެއްވުން. ސަރުކާރުން ކުރިއަށް ގެންދާ ކަންކަމުގައި އެއްބާރުލުން ދިނުމުން ކަންކަން ކުރިއަށްގެންދަން ފަސޭހަ ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ޖަލްސާގައި ރައީސް ވަނީ ހިތާދުއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން އެ ރަށު ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ މިހާރު ކުރިއަށް ގެންދާ ބަނދަރު މަޝްރޫއު ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ނުގެންދާ މައްސަލައެވެ. ރައީސް ވަނީ ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސް އެ މަޝްރޫއު ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
- މިއަހަރުގެ ތެރޭގައި ބިން ބޮޑުކޮށް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން
- ފުޓުބޯޅަ ދަނޑާއި ވޮލީ ކޯޓެއް އަދި ހޭންޑްބޯލް ދަނޑެއް ހަދައިދިނުން
- ހެލްތު ސެންޓާ އިތުރަށް ފުޅާކޮށް ޑޮކްޓަރުންނާއި މުވައްޒަފުން އިތުރުކުރުން
- ސްކޫލްގައި ސްޓާފްރޫމާއި މަލްޓިޕާޕަސް ހޯލްއެއް ގާއިމްކޮށްދިނުން
- މަގު ހެދުމުގެ މަސައްކަތް ކޮށްދިނުން
- ޔޫތު ސެންޓަރަކާއި އޭޓީއެމްއެއް ގާއިމްކޮށްދިނުން
ޚަބަރު
ޚަބަރު
ޚަބަރު