ރ. އަތޮޅުގެ ދެކުނުގައި ތަރައްގީކުރާ އެއާޕޯޓަކީ ރައްޔިތުން އެދޭ ކަހަލަ އެއާޕޯޓަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސްގެ ރިޔާސީ ކެމްޕޭނުގައި އެމަނިކުފާނު ވައުދުވެވަޑައިގެންފައިވަނީ ރ. ފައިނުގައި އެއާޕޯޓެއް ތަރައްގީކުރުމަށެވެ. ނަމަވެސް ކުރީ ސަރުކާރުން ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓު ތަރައްގީކުރަން ނިންމާފައިވަނީ އެ އަތޮޅު ބެރިޔަންފަރުގައެވެ. އެކަން އިއުލާންކުރެއްވީ މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރ. އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިނގުރައިދުއަށް ވަޑައިގެން، މިއަދު ހަވީރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރ. އަތޮޅުގެ ތަރައްގީއަށް ބޭނުންވާ އެއާޕޯޓުގެ ކަންތަކުގައި ވެސް ރައްޔިތުން ބޭނުންވާ ގޮތަށް ވަރަށް ބޮޑަށް ބައްލަވާނެ ކަމަށެވެ.
"އަޅުގަނޑު ވެފައިވާ ވައުދުތަކަކީ ކޮންމެ ގޮތެއް ވިޔަސް، އަޅުގަނޑު ދަންނަވާފައިވާނެ ވައުދަށް އަޅުގަނޑު އިހުތިރާމު ކުރާނަމޭ. އެހެންވީމާ ރައްޔިތުން ކަންބޮޑުވެ ނުލައްވާ، މި އަތޮޅުގެ ދެކުނުގައި އަޅަން ޖެހޭ އެއާޕޯޓު އެއީ ރައްޔިތުން އެދޭ ކަހަލަ އެއާޕޯޓަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން ދެން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ އެއާޕޯޓުގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި އިގުތިސާދީ ގޮތުން ވަޒީފާތައް އުފެދި، ރައްޔިތުންނަށް ހިދުމަތްކުރުމަށްޓަކައި ހޯދަން ޖެހޭ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.
ރ. އިފުރުގައި މިހާރު ވެސް އެއާޕޯޓެއް އޮންނަ އިރު، އަލިފުށީގައި ވެސް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ރ. އަތޮޅުގެ ދެކުނު ބިތުގައި ތަރައްގީކުރާ އެއާޕޯޓު ވެގެންދާނީ އެ އަތޮޅުގެ ތިންވަނަ އެއާޕޯޓަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު