ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަށް ފާޑުކިޔައި ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލުކުރަން ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.
ރައީސް ވަނީ މިދިޔަ ހަފުތާގައި ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅު ކަމަށްވާ ހއ. އާއި ހދ. އާއި ށ. އަދި ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އެ ދަތުރުފުޅުގައި ކެނދިކުޅުދޫއަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ކެނދިކުޅުދޫ ކައުންސިލުން ރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ވަޑައިގެން ބޭއްވި ޖަލްސާގެ ވަކި ހިސާބަކުން ރައީސްއާއި ވަޒީރުންގެ ވާހަކަފުޅުގެ މިސްރާބު ސިޔާސީ ޕޯޑިއަމެއްގައި ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ދެއްކެވި ވާހަކަފުޅަކަށް ބަދަލުވެފައިވާ ކަމަށެވެ.
"އެ ހަފުލާގެ އިންތިހާބަށް ކެމްޕެއިން ކުރުމުގެ މަގުސަދުގައި އިންތިޒާމު ކުރެވުނު ހަފުލާއަކަށް ބަދަލުވެގެންދިޔަ ދިއުން، މި ކައުންސިލުގެ ފަރާތުން ކުށްވެރިކުރަމެވެ. ކައުންސިލުން ދެކޭ ގޮތުގައި ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ނަހަމަ ބޭނުންހިފައިގެން ހިންގޭ އެފަދަ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރަށް ވަރަށް ބޮޑަށް ބުރޫއަރާނެ އެވެ،" ބަޔާނުގައިވެއެވެ.
ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް "ވަން" އަށް މިއަދު ވިދާޅުވީ، އެ ބަޔާން މާދަމާގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ބާތިލުކުރަން ލިޔުމުން އެލްޖީއޭ އިން މިއަދު އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
"އެލްޖީއޭ އިން ބުނީ ކައުންސިލްތަކަށް އެ ގޮތަަށް ބަޔާން ނުނެރެވޭނެ ކަމަށް. އަދި ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ވިދާޅުވާ ކަންކަމަށް ކައުންސިލުން ފާޑުނުކިޔޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލުކުރަން އެލްޖީއޭއިން އެނގުމުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒު ވަނީ ކައުންސިލްތަކަކީ ގާނޫނީ ވަކި ޝަހުޝެއް ކަމަށާއި އެލްޖީއޭގެ އެންގުން މަޖިލީހުން ބަލާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު