ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ބީއެމްއެލް އިސްލާމިކުގެ ހިދުމަތްތައް ދޭން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އޮންލައިންކޮށް ހުށަހެޅުމުން ވަގުތުން އެޕްރޫވަލް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނީ، ކަސްޓަމަރުންނަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކްރެޑިޓް ލިމިޓުގެ ގޮތުގައި ފެންނަ ޖުމުލަ އަދަދާ ހަމައަށް ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ފައިނޭންސިން އެޕްރޫވްކޮށް ހަތަރު ގަޑިއިރު ތެރޭ ހިދުމަތް ލިބިގެންދާނެ ކަމަށް ބުންޏެވެ.

މީގެ ކުރީން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮސެސް ކުރުމަށް ފަސް ދުވަސް ނަގައެވެ.

ބީއެމްއެލް އިން ބުނީ، ވަގުތުން އެޕްރޫވްކުރާ ފައިނޭންސިން ފެސިލިޓީ ދޫކުރުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް ޕޭރޯލް މެދުވެރިކޮށް ފާއިތުވި 12 މަސްދުވަހު މުސާރަ ޖަމާކޮށް ކްރެޑިޓް ހިސްޓްރީ ރަނގަޅު ކަސްޓަމަރުންނަށް އެކަނި ކަމަށެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާގެ އިތުރުން، މުދަލާއި އެހެނިހެން ހިދުމަތް ހޯދުމުގެ ފުރުސަތުވެސް ލިބެއެވެ. ނަގުދު ފައިސާ ލިބޭ ހިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރެވޭ އުސޫލެއް ކަމުގައިވާ ތަވައްރުގް (ކޮމޯޑިޓީ މުރާބަހާ) އުސޫލުންނެވެ.