ދަރަނީގެ މައްސަލައެއްގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ބޭންކު އެކައުންޓްތައް ހިފަހައްޓަން ސިވިލް ކޯޓުން ނެރުނު އަމުރު އެކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ހިއްސާ ގަތުމަށް ވި އެއްބަސްވުމެއްގެ ދަށުން، ދައްކަން ޖެހޭ ފައިސާއެއް ނުދީ އޮތް ކަމަށް ބުނެ ސިވިލް ކޯޓުގައި ޖާބިރުގެ މައްޗަށް ދައުވާ ކުރަނީ ހަސަން އަބްދުލްހަމީދު ކިޔާ މީހެވެ.

އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، އޭނާގެ މިލްކެއްގެ ގޮތުގައި އޮތް މެރިން ޓެކްނޮލޮޖީ މޯލްޑިވްސްގެ 50 ޕަސެންޓް ހިއްސާ ގަތުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ޖާބިރު 750،000 އެމެރިކާ ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އޭގެ ތެރެއިން ދައްކާފައިވަނީ 100،000 އެމެރިކާ ޑޮލަރެވެ.

ނަމަވެސް އިތުރު ފައިސާ ހޯދުމަށް ޖާބިރާ ގުޅުމުން ހުތުރު އެއްޗެހި ގޮވައި ފައިސާ ނުދޭނެ ކަމަށް ބުނެފައިވާތީ، ޖާބިރުގެ ކިބައިންނާއި އެ ފައިސާ ދެއްކުމަށް އެއްބަސްވެ ޖާމިނުވެފައިވާ ޖާބިރުގެ ޖޭ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއި އިންޓަނޭޝަނަލް ޓްރެވަލް ކޮންސަލްޓަންޓް ޕްރައިވެޓް ލިިމިޓެޑްގެ ކިބައިން އެ ފައިސާ އެއްފަހަރާ ހޯދުމަށާއި އެ އެއްބަސްވުމުގެ ދަށުން ވ. ބޮޑު މޮހޮރާގައި ގާއިމްކުރާ ރިސޯޓުގެ ޑައިވިން ސްކޫލް ހިންގުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށް ހަސަން އަބްދުލްހަމީދު ވަނީ ސިވލް ކޯޓުގައި އެދިފައެވެ.

އެ މައްސަލަ ނިމެންދެން ޖާބިރުގެ ނަމުގައިވާ ބޭންކު އެކައުންޓުތަކުގެ އިތުރުން އޭނާގެ މަސްލަހަތު ހިމެނޭ ބައެއް ކުންފުނިތަކާއި ރިސޯޓު ވިޔަފާރިއާ ގުޅޭ އެކައުންޓުތަކެއް ފުރީޒުކުރަން މިމަހުގެ 17 ގައި ސިވިލްކޯޓުން ވަނީ އަމުރު ކޮށްފައެވެ.

އޭގެ ތެރޭގައި އިންޓަނޭޝަނަލް ޓްރެވެލް ކޮންސަލްޓެންޓް ޕްރައިވެޓް ލިމިޓެޑާއި ޖޭ ހޮޓެލްސް އެންޑް ރިސޯޓްސް ހިމެނެއެވެ.

ވަގުތީ އަމުރުގައި ވަނީ، އެ އެކައުންޓުތަކުގައި 600،000 ޑޮލަރު ހިމެނޭ ނަމަ، އެ އަދަދަށް ފްރީޒް ކުރުމަށް އަދި އެ އަދަދަށް ވުރެ ކުޑަ އަދަދެއް ހިމެނޭ ނަމަ، އެ އަދަދު އެއްކޮށް ފްރީޒް ކުރުމަށެވެ.

ސިވިލް ކޯޓުން އަމުރު ނެރުނީ ބޭންކު އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި ބޭންކް އޮފް ސިލޯނާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އާއި ދަ މޮރިޝަސް ކޮމާޝަލް ބޭންކް އާއި ހޮންކޮން އެންޑް ޝަންހާއީ ބޭންކިން ކޯޕަރޭޝަންގެ މައްޗަށެވެ. އެއީ އެކައުންޓުތައް ހުޅުވާފައިވާ ބޭންކުތަކެވެ.

ނަމަވެސް އޭގެ ފަހުން ޖާބިރުގެ ފަރާތުން ވަނީ އެ ކޯޓު އަމުރު މުރާޖައާކޮށްދިނުމަށް އެދި ކޯޓަށް ހުށަހަޅައިފައެވެ.

އެކަމާ ގުޅިގެން ސިވިލް ކޯޓުން ނިންމި ނިންމުމުގައި ވަނީ، ކޯޓު އަމުރު މުރާޖައާ ކުރުމަށް އެދި ހުށަހެޅި ހުށަހެޅުމާއި އެއާއެކު ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކަށް ބަލާއިރު ޖާބިރުގެ ނަމުގައި ހުރި މުދާ ވިއްކައިގެން ދަރަނި ހަލާސް ކުރެވޭނެ ކަމަށް ޝަރިއަތަށް ގަބޫލު ކުރެވޭތީ ވަގުތީ އަމުރު ނެރެދިނުމުގައި ފުރިހަމަވާންޖެހޭ ތިން ޝަރުތު ތަކުގެ ތެރެއިން ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުލޫއީ ދައުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް މިހާރު އޮތް ކަމަށް ޝަރިއަތަށް ބުރަ ނުވެވޭކަމަށެވެ.

އެހެންކަމުން މަދަނީ އިޖުރާއަތުގެ ދަށުން ގަވާއިދުގެ ދަށުން އަމުރު ނެރެދިނުމަށް މި މައްސަލައިގެ ހާލަތު ތަން ނުދޭތީ އެ ކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލް ކުރީ ކަމަށްވެސް ބުނެފައިވެއެވެ.