މި ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ރ. އުނގޫފާރު ހިމަނައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅާއި ބ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް މިއަދު ވަޑައިގެން، ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ހަތް ސަރަހައްދެއްގައި އާބަން ސެންޓަރު ތަރައްގީކުރުމަށް ވައުދުވެވަޑައިގެންފައިވާ ކަމަށާއި އޭގެ ތެރެއިން އުނގޫފާރަކީ އާބަން ސެންޓަރަކަށް ހަދާނެ ރަށެއް ކަމަށެވެ.

"ކެމްޕޭންގައި ހުށަހެޅިން އަޅުގަނޑު ދެންނެވިން ރާއްޖޭގެ މެދު ރާސްތާ އަދި ދުރު ރާސްތާގެ ތަރައްގީއަށް ބަލާއިރުގައި އެންމެ އުތުރުގެ ހަތަރު އަތޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ އިތުރުން ރާއްޖޭގައި ހަތް އާބަން ސެންޓަރެއް ތަރައްގީ ކުރާނަމޭ. އޭގެ ތެރެއިން އެއް ރަށް މި ރަށަކީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އުނގޫފާރަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި މި ސަރުކާރުން އެ މައްސަލައަށްވެސް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އުނގޫފާރުގެ ބިން ހިއްކި ނަމަވެސް އިގުތިސޯދީ އެކި މަސައްކަތްކުރުމަށް ބިމުގެ ދަތިކަން އޮންނާނެތީ، އުނގުލު އުނގޫފާރަށް ހޯދައިދެއްވާނެ ކަމަށެވެ.

އުނގޫފާރަކީ އެކިއެކި ބޭނުންތަކަށް މީހުން އައިސް ގޮސްވާ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއްފަސްކުރުމުގެ ވިސްނުމަކުން ބެލި ނަމަވެސް އުނގޫފާރަކީ މުހިންމު ރަށެއް ކަމަށެވެ.