ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ރޯދައިގެ ފަހުން އެމްއާރްއައިގެ ހިދުމަތް ފަށާނެކަން ސަރުކާރުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅާއި ބ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އުނގޫފާރަށް މިއަދު ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށާއި އުނގޫފާރު ހޮސްޕިޓަލަކީ އޭގެ އެއް ހޮސްޕިޓަލް ކަމަށެވެ.
އުނގޫފާރު ހޮސްޕިޓަލަކީ ރ. އަތޮޅުގެ އިތުރުން ކައިރި އެހެން އަތޮޅުތަކުންވެސް ސިއްހީ ހިދުމަތް ހޯދުމަށްޓަކައި ބަރޯސާވެފައި އޮތް ރަށެއްކަން ފާހަގަކުރައްވައި މިނިސްޓަރު ހަލީލް ވިދާޅުވީ، އުނގޫފާރުގައި މިހާރު ތިބީ ދިހަ މެޑިކަލް އޮފިސަރުން ކަމަށާއި އެ އަދަދަކީ މަދު އަދަދެއް ކަމަށެވެ. އެހެންކަމުން އުނގޫފާރު ހޮސްޕިޓަލަށް ޑޮކްޓަރުންނާއި ނަރުހުން އިތުރުކޮށް، ހިދުމަތް ފުޅާކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރަމަޟާން މަހުގެ ފަހުން މި ރަށުގައި އެމްއާރްއައި ހިދުމަތް ދެވެން ފަށާނެ،" ހަލީލް ވިދާޅުވިއެވެ.
ހަލީލް އިތުރަށް ވިދާޅުވީ، އެމްއާރްއައި ހެދުމަށް މާލޭގައި ދެ މަސްވަންދެންވެސް ކިއުގައި ތިބެންޖެހޭ ކަމަށާއި ނަމަވެސް އުނގޫފާރުން އެމްއާރްއައިގެ ހިދުމަތް ލިބެން ފެށުމުން މާލެއަށް ބަރޯސާވާ މިންވަރުވެސް މަދުވާނެ ކަމަށެވެ.
ރަށުގައި 1،500 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އުނގޫފާރަކީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު