ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ސްރީ ލަންކާގެ ކޮލަމްބޯއަށް ދަތުރުތައް ފަށަން ނިންމައި، އެކަން އިއުލާންކޮށްފިއެވެ.

މީގެ ކުރިންވެސް މޯލްޑިވިއަންގެ ދަތުރުތައް ލަންކާއަށް ބޭއްވިއެވެ. އެއީ 2022 ވަނަ އަހަރެވެ. އެ ފަހަރު ދަތުރުތައް ބޭއްވީ މާލެއިން ލަންކާގެ ރަތުމަލާނެ އެއާޕޯޓަށެވެ. ނަމަވެސް އެ ދަތުރުތައް ފެށިތާ ހަފުތާއެއްވެސް ނުވަނީސް ތަރުހީބު ކުޑަކަމަށް ނިންމައި ދަތުރުތައް މެދުކަނޑާލިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮލަމްބޯއަށް ދަތުރުތައް ފަށާނީ އަންނަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެކަމާ ގުޅިގެން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، ރާއްޖެ އާއި ލަންކާއާ ދެމެދު ވިޔަފާރި އާއި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ކޮލަމްބޯއަށް ދަތުރުތައް ފެށުމަކީ އެ އެއާލައިނުން ކުރަމުން އައި ވަރަށް ދިގު އިންތިޒާރެއް ކަމަށެވެ.

"މިއީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ނެޓްވޯކް ފުޅާވެ، ރާއްޖެއާއި ދުނިޔެ ގުޅުވާލުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެއް. މި އާ ރޫޓު ފެށުމަށް މަގުފަހިކޮށްދިން ހުރިހާ ފަރާތްތަކަށާއި ބައިވެރިންނަށް އަޅުގަނޑުމެން ޝުކުރު އަދާކުރަން،" އިޔާސް ވިދާޅުވިއެވެ.

މޯލްޑިވިއަން އިން ބުނީ ކޮލަމްބޯ އިން މާލެއަށް ހަފުތާއަކު ދެ ދަތުރު އޮންނާނެ ކަމަށާއި ދަތުރުތައް އޮންނާނީ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށެވެ. އަދި މިއަދުން ފެށިގެން ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.