އެމަނިކުފާނުގެ އަމާޒަކީ ކޮންމެ ރަށަކަށް ވެސް މަދުވެގެން ދެ ފަހަރު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަނަދުއަށް ވަޑައިގެން، މިރޭ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މީގެ ދެ ހަފުތާ ކުރިން ރާއްޖޭގެ ރަށްތަކަށް ދަތުރުތައް ފެއްޓެވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަށް ކަމަށެވެ.

"އެހެންވީމާ މި ބުރުގައި، މީގެ ދެ ތިން ހަފުތާ ކުރިން ފެށި ދަތުރުގައި ކަވަރުކުރެވެން ހުރި ހުރިހާ ރަށެއް ކަވަރުކުރުމަށްފަހު، އަދި މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ދެން ހުރި ހުރިހާ ރަށަކަށް ވެސް އިރާދަކުރެއްވިއްޔާ ދާ ގޮތަށް ވިސްނައިގެން މިހުރީ. އަދި އޭގެ ފަހުން ވެސް އަޅުގަނޑު ވިސްނާފައި މިއޮތީ މި ފުރަތަމަ އަހަރު، 2024ގެ ތެރޭގައި ހުރިހާ ރަށަކަށް އެއް ބުރު ދިއުމަށްފަހު، މެދަށް އެއް އަހަރު ދޫކޮށްފައި ދެން އަންނަ އަހަރު، 2026ގައި އަނެއްކާވެސް ހުރިހާ ރަށަކަށް އެއްބުރު އަޅާގޮތަށް، ދަތުރުކުރާ ގޮތަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެހެންކަމުން މަދުވެގެން ދެ ފަހަރު ކޮންމެ ރަށަކަށް ވަޑައިގެންނެވޭނެ ކަމަށާއި އެއީ އެމަނިކުފާނު އަމިއްލަފުޅަށް ކަނޑައަޅުއްވައިގެން އުޅުއްވާ މިންގަނޑެއް ކަމަށެވެ. އަދި އެކިއެކި ހަފުލާތަކާއި އެހެން ކަންކަމާއެކު އެއަށްވުރެ ގިނައިން ވެސް ރަށްރަށަށް ވަޑައިގެންނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ ވައުދުތައް މަތިން ހަނދާން އެބަހުރި. އެ ހުރިހާ ވައުދެއް ވެސް ފުއްދުމުގެ ވަރުގަދަ އަޒުމުގައި މިހުރީ. އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްގީއަށް، އަދި މި ދާއިރާގެ ތަރައްގީއަށް ވެސް، މި އަތޮޅުގެ ތަރައްގީއަށް ވެސް، ޖުމުލަކޮށް މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ތަރައްގީއަށް ވެފައި ހުރި ހުރިހާ ވައުދެއް، ރައްޔިތުން އަޅުގަނޑު ގާތު އެދުނު ކަންތައްތައް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ކުރިމަގަށް، ދުރު ރާސްތާއަށް ވިސްނައި ރާއްޖެ ތަރައްގީކުރުމަށްޓަކައި އެމަނިކުފާނު ހުށަހަޅުއްވާފައިވާ މެނިފެސްޓޯގައިވާ ގޮތަށް ހުރިހާ ވައުދެއް ވެސް ފުއްދަވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.