ނ. މަނަދޫން (ޢަލީ ޔާމީން، ވަން އޮންލައިން)

ރައްޔިތުން ބޭނުންވާ އަމާޒަށް ވާސިލުވުމުގެ ހަކަތައާއި ހިތްވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކިބައިގައި އެބަ ހުންނެވި ކަމަށް ލާމަރުކަޒީ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް އަތޮޅުތެރެއަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިރޭ މި ރަށަށް ވަޑައިގެން، މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ، ވެރިކަމުގެ ކުރީކޮޅުގައި ރައީސް މުއިއްޒު ގެންދަވަނީ ރައްޔިތުން ގާތަށް ދަތުރުކުރައްވަމުން ކަމަށާއި އެ މަނިކުފާނަކީ ރައްޔިތުން ބޭނުންވާ ފަދަ ރައީސެއް ކަމަށެވެ.

"އެ މަނިކުފާނުގެ (ރައީސް މުއިއްޒުގެ) ހިތްވަރު އެބަހުރި، ތަސައްވަރެއް އެބައޮތް، ތިބޭފުޅުން ބޭނުންވާ މަންޒިލަށް ވާސިލުވުމުގެ ހަކަތަ އެބަހުރިކަމަށް އަޅުގަނޑަށް ޔަގީން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރަށް މިހާރު އޮތީ މައިގަނޑު ދެ ގޮންޖެހުން ކަމަށެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން މިނިސްޓަރު ފާހަގަކުރެއްވީ، ރާއްޖޭގެ ދަރަނި މައްޗަށް ދިއުމެވެ.

"ދަރަނި އިންތިހާއަށް ދިޔައިރު ކުދިކުދި ކުންފުނިތައްވެސް ބަނގުރޫޓުވާ ހިސާބަށް ގޮސްފައި އޮއްވައި ގައުމުގެ ހުންގާނު އެ މަނިކުފާނަށް ލިބިވަޑައިގެންނެވީ،" ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދު ރަނގަޅުކުރުމަށް ރައީސް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، ދަތުރުފުޅުގައި އުޅުއްވަމުންވެސް އިކޮނޮމިކް ކައުންސިލުގެ ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގެން އިގުތިސޯދު ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާ ކަމަށެވެ.

ދެވަނަ ގޮންޖެހުމެއްގެ ގޮތުގައި އާދަމް ޝަރީފް ފާހަގަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކެވެ. އެގޮތުން މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީގެ އަތުގައި އޮތުމުން ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސް އެޅޭ މަސައްކަތްތައް މަޖިލީހުގެ ތެރެއިން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ރާއްޖެއަށް ތަރައްގީ ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރަށް އެއްްބާރުލުންދޭ ކެންޑިޑޭޓުން އިންތިހާބުކުރަން ޖެހޭ ކަމަށެވެ.