މުލިޔާގެއަށް ބަދަލުވެވަޑައިގަތުމުގެ ކުރިން، އަމިއްލަ ގެކޮޅު މ. ދިމްޔާތުގައި ދިރިއުޅުއްވި މުއްދަތަށް ދައުލަތުން 25 މިލިއަން ރުފިޔާ ހަރަދުކުރެއްވި ކަމަށް ބުނެ ފަތުރާ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފިއެވެ.
ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މީހަކު ވަނީ ރައީސް މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މަނިކުފާނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރިއްކޮޅު ހަރަދަށް 30 މިލިއަން ރުފިޔާ ހަރަދު ކުރެއްވި ވާހަކައާއި އަމިއްލަ ގެކޮޅުގައި ހޭދަކުރެއްވި މުއްދަތަށް 25 މިލިއަން ރުފިޔާ ހަރަދުކުރެއްވި ވާހަކައިގެ ހަގީގަތް ހާމަކޮށްދެއްވުމަށް ރައީސްގެ އަރިހުން އެދިފައެވެ.
އެކަމުގެ ހަގީގަތް ހާމަކޮށްދެއްވަމުން ރައީސް ވިދާޅުވީ، ކުރިއާ ހިލާފަށް މިހާރު ހަގީގަތަކާ ހިލާފު ވަރަށް ބައިވަރު ވާހަކަތައް ފަތުރަމުންދާތަން ފެންނަ ކަމަށެވެ. އެގޮތުން އަމިއްލަ ގެކޮޅުގައި ހޭދަކުރެއްވި މުއްދަތަށް 25 މިލިއަން ހަރަދުކުރެއްވި ވާހަކައަކީވެސް ދޮގެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އަމިއްލަ ގެކޮޅުގައި ހުންނެވީ އަމިއްލަފުޅަށް ހަރަދު ކުރައްވައިގެން ކަމަށާއި އެކަމަށް ދައުލަތުން އެއްވެސް ހަރަދެއް ކޮށްފައިނުވާނެ ކަމަށާއި އެއްވެސް ހަރަދެއް ކުރުވާފައިވެސް ނުވާނެ ކަމަށެވެ.
"ގޭގައި ސެކިއުރިޓީންވެސް ތިބޭ. ހުރިހާ އެންމެންވެސް ގޭގެ ހަރަދުގައި ބޭތިއްބީ. އަދި ކެއުމަށްވެސް އެއްވެސް ކަމަކަށް އެއްވެސް ކަމަކަށް ނޯންނާނެ ހަރަދުކޮށްފައެއް. ދައުލަތުން ހަރަދުކުރާ ގޮތަށް އޮންނަނީ. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުންވީ އެއްވެސް ކަމެއްގައި އަޅުގަނޑުގެ އަތުން ނޫނިއްޔާ ގެއަށް އެއްވެސް ހަރަދެއް ކުރަން. އެއީ ދުވަހަކުވެސް ތިކަހަލަ ވާހަަަކައެއް މީހަކު ބުނަންވެސް ޗާންސް ދޭން ބޭނުންނުވާތީ. ކަނޑައެޅިގެން ދޮގު ވާހަކައެއް،" ރައީސް ވިދާޅުވިއެވެ.
ނިމިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ޑރ. މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ފުރަތަމަ ދިރިއުޅުއްވަމުން ގެންދެވީ ދިމްޔާތުގައެވެ. އެއީ މުލިޔާގޭގެ ބައެއް މަރާމާތު ކުރަންޖެހިފައި ހުރުމުންނެވެ. ރައީސް މުއިއްޒުގެ ދެކަނބަލުން ރިޔާސީ ގަނޑުވަރު، މުލިޔާގެއަށް ބަދަލުވެވަޑައިގަތީ މި މަހުގެ ކުރީކޮޅެވެ.
ރައީސް އާއި އަނބިކަނބަލުންގެ ފަރިއްކޮޅަށް 100 ދުވަހުގެ ތެރޭގައި 30 މިލިއަން ހަރަދުކުރި ކަމަށް ބުނެ ދައްކާ ވާހަކައަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ބުއްދީގެ ގޮތުން ބެލި ނަމަވެސް އެއީ ގަބޫލުކުރަން ދަތި ވާހަކައެއް ކަމަށެވެ.
"މުލިޔާގޭގެ ބަޖެޓުގައިވެސް ކެއުމަށް އޮންނަނީ އަހަރަކު ހަތް ލައްކަ ރުފިޔާ. ދެން 30 މިލިއަން ވެއްޖެއްޔާ ކޮންމެ ދުވަހަކު އެތައް ލައްކަ ރުފިޔާއެއް ހަރަދުކޮށްގެން ނޫންތޯ 100 ދުވަހުގެ ތެރޭގައި 30 މިލިއަން ހަރަދުކުރެވޭނީ. މިވާ ގޮތަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ މަސައްކަތްތައް ވަރަށް ސާފުކޮށް އެބަ އިނގޭ. ވަރަށް ދެފުށް ފެންނަ ގޮތަށް ވަރަށް ހާމަކަން ބޮޑު ގޮތަކަށް ކަންކަން އެނގެމުންދާއިރުގައި އިދިކޮޅަށް ދައްކާނެ ވާހަކައެއް ނެތީ. އެހެންވީމަ ހަދަހަދައިގެން ހުސް ދޮގު ވާހަކަ ފެތުރުން ސްރެޓަޖީއެއްގެ ގޮތުގައި ގެންގުޅޭތަން ފެންނަނީ އިދިކޮޅު ފަރާތްތައް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ، ރަޖިސްޓްރީ ނުކުރާ ނޫސްތަކާއި ޕޭޖުތަކުން ފަތުރާ ވާހަކަތަކުގެ ހަގީގަތް ބެއްލެވުމަށް އެދިވަޑައިގެންފައެވެ. އޭރުން ވަރަށް ސާފުކޮށް ކަންކަން އެނގޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު