ފިލްމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މާލެ، ގ. ސެފްރަން، އިބްރާހީމް ޝާކިރު (ޝާކިރުބެ) ނިޔާވެއްޖެއެވެ.

ޝާކިރުބެ ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައި އުމުރުފުޅުން 85 އަހަރުގައެވެ. ޝާކިރުބެގެ ކަށު ނަމާދު އޮންނާނީ މާދަމާ މެންދުރު ނަމާދަށްފަހުގައެވެ. ޝާކިރުބެކީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ ބައްޕާފުޅެވެ.

ޝާކިރުބެ 1991 ވަނަ އަހަރު އުޅުއްވީ ޓެލެވިޝަން މޯލްޑިވްސް (ޓީވީއެމް) ގައެވެ. ޝާކިރުބެ އެންމެ ފުރަތަމަ ފެނުނީވެސް ޓީވީއެމްގެ ޑްރާމާއަކުންނެވެ. އެފަހުން އޭނާ ވަނީ ޓީވީއެމްގެ ގިނަ ޑްރާމާތަކެއްގައި މަސައްކަތްތައްކޮށް އާންމުންގެ މަގުބޫލުކަން ހޯދައިފައެވެ.

ޓީވީއެމްގެ ޑްރާމާތަކުން ލިބުނު މަޝްހޫރުކަމުގެ ސަބަބުން ބައެއް އަމިއްލަ ފިލްމު ޕްރޮޑިއުސަރުން ވެސް ވަނީ ޝާކިރުބެއަށް ބޮޑެތި ފިލްމުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދީފައެވެ. ކާމިޔާބު ގިނަ ފިލްމުތަކެއްގައި ޝާކިރުބެ ގިނައިން ފެނިގެންދިޔައީ ބައްޕައެއްގެ ރޯލުންނެވެ.