ހދ. މަކުނުދޫން (ޢަލީ ޔާމީން، ވަން އޮންލައިން)

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރަންވާނީ އިތުބާރު ހިފޭ އަދި ގައުމާއި ދާއިރާގެ ރައްޔިތުން އިސްކުރާ ކެންޑިޑޭޓުން ކަމަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މި ސަރަހައްދަށް (ބޮޑުތިލަދުންމައްޗަށް) މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ރަށަށް މިއަދު މެންދުރު ވަޑައިގެން މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މި ރަށު ސްކޫލުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، މި ރަށުގެ ތަރައްގީއަށް ކައުންސިލުން ބޭނުންވާ ހުރިހާ ކަމެއްވެސް ކޮށްދޭން ސަރުކާރުން އެއްބަސްވާ ކަމަށާއި ނަމަވެސް އެކަމަށް މަގުފަހިކުރުން އޮތީ މި ރަށުގެ ރައްޔިތުންގެ އަތް މަތީގައި ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހޮވަން ޖެހޭނީ، އިތުބާރު ހިފޭ ދާއިރާގެ ރައްޔިތުން އިސްކުރާ މީހުން ކަމަށެވެ.

"އެ މީހަކު ވާން ޖެހޭނެ ރައްޔިތުން އިސްކުރާ މީހަކަށް، އެންމެ ފުރަތަމަ ގައުމު އިސްކުރާ މީހަކަށް، ފަސްޖެހުމެއް ނެތި ސަރުކާރާ ގުޅިގެން ކުރިއެރުން ގެނެސްދިނުމަށް މަސައްކަތްކޮށްދޭ މީހަކަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ސަރުކާރުގެ ކެންޑިޑޭޓު އިންތިހާބުކުރުމަށް މި ރަށުންވެސް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ބޮޑެތި އުނދަގޫތަކެއް ކުރަމުންދާ ކަމަށެވެ.