މި އަހަރަށް ދައުލަތުގެ ބަޖެޓް ފާސްކުރި އިރު، ކުރިން ފަށާފައިވާ މަޝްރޫއުތައް ނިންމަން އެކަށީގެންވާ ވަރަށް ފައިސާ ހިމަނާފައި ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އުތުރުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އުފަން ރަށް، އދ. ވަށަފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް ބަޖެޓް ފާސްކުރާއިރު ހިނގަހިނގާ ހުންނަ މަޝްރޫއުތައް ނިންމަން ބޭނުންވާ ފައިސާ އެ ބަޖެޓުގެ ތެރޭގައި ހިމަނާ ކަމަށެވެ.
ނަމަވެސް މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިނގަހިނގާ ހުންނަ މަޝްރޫއުތައް ނިންމުމަށް އެކަށީގެންވާ ވަރަށް ފައިސާ ހިމަނާފައި ނުވާތީ، އެ މަޝްރޫއުތައް ހުއްޓިފައި އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
"ބަޖެޓުގެ ތެރެއިން ހިނގަހިނގާ ހުންނަ މަޝްރޫއުތައް ނިންމަން ކޮންމެ އަހަރަކުވެސް ހިމަނާނެ އެ މަޝްރޫއު ނިމޭވަރަށް ފައިސާ. އެހެން ނަމަވެސް މި އަހަރުގެ ބަޖެޓް ފާސްކުރި އިރު، އަޅުގަނޑުމެނެއް ނޫން ބަޖެޓް ހެދީކީއެއް، ބަޖެޓް ފާސްކުރީކީވެސް. ފާސްކުރި އިރުގައި މަޝްރޫއުތައް ނިންމުމަށް އެކަށީގެންވާވަރާ ގާތަށްވެސް ބަޖެޓުގައި ފައިސާ ހިމަނާފަ ނެތީ. އެހެންވީމަ ހިނގަހިނގާ ހުންނަ ގިނަ މަޝްރޫއުތައް ނުނިމިގެން މި އުޅެނީ،" ރައީސް ވިދާޅުވިއެވެ.
މި އަހަރުގެ ތެރޭގައި ވަށަފަރު ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު