ދިރާގުގެ "އީއޭއެފްސީ މިނީ ސީރީޒް ވަން އީސްޕޯޓްސް" އިވެންޓް ލޯންޗުކޮށްފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ދިރާގު ހެޑް އޮފީހުގައި ކުރިއަށްދާ މި ހަރަކާތް އިފްތިތާހުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބުދުالله ރާފިއު އާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.

މި އިވެންޓުގައި ކުރިއަށްދާ މައިގަނޑު ދެ މުބާރާތް ކަމަށްވާ އީއޭއެފްސީ 24 މިނީ ސީރީޒް 1 އަދި ޓެކެން އޯޕަންއަށް ދިރާގުން ވަނީ ޕްރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު މީގެ ކުރިން ހުޅުވާލައިފައެވެ.

ދިރާގުން އިއްޔެ ބުނީ އިވެންޓްއަށް އަންނަ ފަރާތްތަކަށް ވަގުތުން ބައިވެރިވެގެން އިނާމު ލިބޭ ގޮތަށް އީއޭއެފްސީ ޑުއޯސް އަދި މޯޓަލް ކޮމްބެޓްގެ ޗެލެންޖުތައްވެސް ކުރިއަށްދާނެ ކަމަށެވެ. 500 އަށްވުރެ ގިނަ ކުޅުންތެރިންނާއެކު ކުރިއަށްގެންދާ މި އިވެންޓުގައި ޖުމްލަ 40،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތަށް ފާހަގަކުރައްވައި މިނިސްޓަރު އަބުދުالله ރާފިއު ވިދާޅުވީ އީސްޕޯޓްސް މުބާރާތްތަކާ އެކު މި ކުޅިވަރު ކުރިއަރާނެ ކަމަށް ޔަގީންކުރައްވާ ކަމަށާއި މިފަދަ މުބާރާތްތަކުގެ ސަބަބުން ހުނަރުވެރި ގޭމަރުންނަށް ފުރުސަތުތައް ފަހިވެ، ޕްރޮފެޝަނަލް ކުޅިވަރެއްގެ ގޮތުގައި މިކަމުން ކުރިއަށްދާން ހިތްވަރު ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރަސްމިއްޔާތުގައި އިސްމާއިލް ރަޝީދު ވަނީ ގޭމަރުންގެ އެއްވަނަ ނެޓްވޯކް، ދިރާގާ އެކު ކުޅުންތެރިން ތިބިކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ. އަދި ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް އެންމެ ފުރިހަމަ ތަޖުރިބާ ހޯދައިދިނުމަށް ދިރާގުގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.