ސަރުކާރުގެ ބޯހިޔާވަހިކަމާ ގުޅުން ހުރި ހުރިހާ ކަމެއް އޮންލައިންކޮށް ހުށަހެޅުމަށް ފަރުމާކޮށްފައިވާ ޕޯޓަލް މިއަދު އިފުތިތާހުކޮށްފިއެވެ.
ބޯހިޔާވަހިކަމަށް ފޯމުތައް ހުށަހެޅުމާއެކު ފޯމުގެ ދަރަޖަ ވަގުތުން އެނގޭ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ގާއިމުކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ހައުސިން މިނިސްޓްރީން ކުރަން ކަނޑައަޅާފައިވާ ކަމެކެވެ.
މީރުމާގެ ހޯލުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި، "ހިޔާވަހި"ގެ ނަމުގައި ފަރުމާކޮށްފައިވާ އެ ޕޯޓަލް އިފުތިތާހުކޮށްދެއްވީ ޖެންޑާ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.
ހައުސިން މިނިސްޓްރީން ބުނީ، އެ ޕޯޓަލް މެދުވެރިކޮށް ހައުސިން ޕްރޮފައިލް ފުރިހަމަކުރުން، ހައުސިން ސްކީމްތަކަށް ހުށަހެޅުން، ބޯހިޔާވަހިކަމުގެ ލޯނުތަކަށް ހުށަހެޅުން އަދި ބޯހިޔާވަހިކަމާ ގުޅުންހުރި ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
އޭގެ އިތުރުން އެ ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ މީހުން ސްކީމްތަކަށް ހުށަހެޅުމުން، އެ ފޯމު ދަރަޖަ ކުރެވޭނެ ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ މީހުން ދެނެގަތުމާއި ރަޖިސްޓްރީކުރުމާއި އެ މީހުންގެ މައުލޫމާތު ރައްކާކުރުމުގެ އިތުރުން ހައުސިންއާ ގުޅޭ 'ހައުސިން ނީޑްސް އެސެސްމަންޓް' ކައުންސިލްތަކާ ގުޅިގެން ހެދުމުގެ މަސައްކަތް އެ ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ.
އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށް އޮތްތަނުގައި ކުރާނީ އެ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު