މަސައްކަތުގެ މާހައުލުގައި އެކަކު އަނެކަކަށް އިތުބާރު ނުކުރާ ނަމަ ކޮށްދެވޭނެ ހިދުމަތެއް ނޯންނާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯ އިން ހިދުމަތް ދޭ އިންޖީނުގެތަކުގެ ވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހިންގުމާއި ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ވެރިމީހާއަށް، އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުބާރު ނުކުރެވޭ ނަމަ އެ މީހުން އެ މަގާމުގައި ބައިތިއްބަން ބޭނުން ނުވާނެ ކަމަށެވެ. އަދި މުވައްޒަފުންނަށް ވެރިމީހާއަށް އިތުބާރު ނުކުރެވޭ ނަމަ އެކަށޭނަ މަސައްކަތެއްވެސް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"ކިޔަވައިގެން ކިތަންމެ މޮޅަށް ހުއްޓަސް، އަޅުގަނޑު ގާބޫލެއް ނުކުރަން ކުރެވޭނެ ކަމެއް އޮންނާނޭ. އެކަކު އަނެކަކަށް އިތުބާރު ނުކުރަންޔާ އޭނަ އެ މަގާމެއްގައި ބަހައްޓާކަށް ބޭނުމެއް ނުވާނެ ވެރިއަކަށް ހުންނަ މީހަކު. އޭނާގެ އަސްލު ބޭނުމެއް ނުވެސް ހިފޭނެ. އޭނާގެ ވެރިމީހާ އޭނައަށް އިތުބާރު ނުކުރަންޔާ. އަދި އޭނަގެ ދަށުން ތިބޭ، ވެރިމީގެ ދަށުން ތިބޭ މީހުންނަށް ވެރިމީހާއަށް އިތުބާރު ނުކުރެވެންޏާ ދަށުން ތިބޭ މީހުންނަކަށް މަސައްކަތެއްވެސް ނުކުރެވޭނެ. ކޮށްދެވޭނެ ހިދުމަތެއްވެސް ނޯންނާނެ އަޅުގަނޑު ގާބޫލުކުރާ ގޮތުގައި،" ފަހުމީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ އެންމެ ބޮޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އޮތް ދޭދޭ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އިތުބާރުކުރަން ދަސްކޮށްދީ، އެކަކު އަނެކަކަށް އިތުބާރު ހިފޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ. އަދި މި ޕްރޮގްރާމުން އެކަން ހާސިލުވެފައިވާ މަންޒަރު ފެނިގެންގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ސްޓެލްކޯ އިން ކުރިއަށް ގެންދިޔަ އެ ތަމްރީނު ޕްރޮގްރާމް 37 ބައިވެރިން ފުރިހަމަކޮށްފައިވާއިރު، އެ ޕްރޮގްރާމްގައި ސްޓެލްކޯގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާއި ހިންގުމުގެ ހުނަރުތަކާއި ގުޅޭ ގޮތުން ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ.