ގއ. ކޮނޑޭގައި ދަނޑުވެރިކަމުގެ މުހިންމު މަޝްރޫއެއް ހިންގައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދެކުނުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮނޑޭއަށް ވަޑައިގެން، މިއަދު ހަވީރު އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮނޑޭއަކީ ދަނޑުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރުވިދާނެ ރަށެއް ކަމަށާއި ސަރުކާރުގެ އެންމެ މުހިންމު އިގުތިސާދީ ސިޔާސަތަކީ ވެސް ދަނޑުވެރިކަމުގެ ސިނާއަތް ވަރުގަދަކުރުން ކަމަށެވެ.
"އެހެންވީމާ މި ރަށުގެ ތަރައްގީއަށްޓަކައި އިރާދަކުރެއްވިއްޔާ ރަށުގެ ރައްޔިތުންނާ ކައުންސިލާ ބައިވެރިވާގޮތަށް ދަނޑުވެރިކަމުގެ މުހިންމު މަޝްރޫއެއް ހިންގައިދޭނެކަމުގެ ޔަގީންކަން އަޅުގަނޑު ދެން. އެއާއެކީގައި އެތައް ރައްޔިތުންނެއްގެ އާމްދަނީ އިތުރުވެގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދޭ އަދި އުފެއްދިދާނެ ހުރިހާ ބާވަތެއްގެ ތަކެތި އުފެއްދުމަކީ މުހިންމު ސިޔާސަތެއް ކަމަށާއި އެއީ ފުޑް ސެކިއުރިޓީ ގާއިމުކުރުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައި އޮތް ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީގައި އެތައް ރިސޯޓަކަށް މިހާރު ކާބޯތަކެތި ގެންނަމުންދަނީ ރާއްޖެއިން ބޭރުންކަން ރައީސް ފާހަގަކުރެއްވިއެވެ.
"އެހެންވީމާ ޓޫރިޒަމް އިންޑަސްޓްރީއަށް ވެސް ބޭނުންވާ ހުރިހާ ބާވަތެއްގެ، ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ބާވަތެއްގެ ކާބާތަކެތި ރާއްޖޭގައި އުފެއްދުމަކީ ވެސް މި ސިޔާސަތުގެ ތެރޭގައި ހިމެނޭ ދެވަނަ އަމާޒު. އެހެންވީމާ މި މަސައްކަތް ވެސް ރާއްޖޭގައި ކުރާ ކަމަށްވަންޏާ، މި ރަށުގެ ބިމުގެ ބޭނުން ވަރަށް ބޮޑަށް ޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެކަމަކީ ކޮނޑޭ ރައްޔިތުންގެ މުސްތަގުބަލަށްޓަކައި އެތައް ރައްޔިތުންނެއްގެ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމެއް ކަމަށާއި އެގޮތަށް ހުރި ބިން ބޮޑެތި އަދި މިހާރުވެސް ދަނޑުވެރިކަމުގެ މަސައްކަތްކުރަމުންދާ ރަށްތަކަށް މުހިންމު އިންވެސްޓުމަންޓް ގެންނަން ބޭނުންވާ ކަމަށެވެ.
އެ މަސައްކަތުގެ އިތުރުން ކޮނޑޭގެ ބަނދަރު ބޮޑުކުރުމާއި، ސިއްހީ މަރުކަޒު ތަރައްގީކުރުމާއި، ކަރަންޓުގެ މައްސަލައަށް ހައްލު ގެނައުން އަދި އޭޓީއެމްގެ ހިދުމަތް ގެނެސްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު