ފަލަސްތީނުގެ ސަރުކާރުގެ އެދުމުގެ މަތިން އެ ގައުމުގެ ހައްގުގައި، އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ރާއްޖޭން ބަޔާނެއް ދޭން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ގޮވާލައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
ކޮމިޓީގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، އިރުމަތީ ގުދުސް ހިމެނޭހެން ފަލަސްތީނުން އިޒްރޭލު ހިފާފައިވާ ބިންތަކުގައި އެ ގައުމުން އަމަލު ކުރަމުންދާ ގޮތާ މެދު އުފެދޭ ގާނޫނީ ސުވާލުތަކާ ގުޅޭ ގޮތުން އދ. ގެ އާންމު މަޖިލީހުން އައިސީޖޭގެ އިސްތިޝާރީ ލަފައަކަށް އެދިފައިވާ މައްސަލާގައި ރާއްޖެ އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެގޮތުން ފަލަސްތީނު ސަރުކާރުގެ އެދުމުގެ މަތިން ހުސްވި 2023 ވަނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު އައިސީޖޭއަށް ލިޔުމުން ބަޔާނެއް ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މީގެ އިތުރުން އެ މައްސަލައާ ގުޅޭ ގޮތުން މިމަހުގެ 26 ގައި އައިސީޖޭގައި ރާއްޖެ އިން އޯރަލް ސްޓޭޓްމެންޓެއް ދިނުމަށް ތަވާލުކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ދިވެހި ސަރުކާރުން މި ގެންދަނީ މިކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން،" ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނީ ނިޒާމުގެ ތެރެއިން ދިވެހި ސަރުކާރު ފަލަސްތީނަށް އެއްބާރުލުން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު