ގދ. ގައްދޫ އާއި އެ ރަށާ އެއް ފަޅެއްގައި އޮންނަ މާވަރުލު އެއާޕޯޓު އެއްގަމު މަގުން ގުޅާލަދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދެކުނުގެ އަތޮޅުތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ގައްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މާވަރުލު އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށެވެ. އެއީ ގައްދޫ އާއި އެ ސަރަހައްދުގެ ތަރައްގީއަށްވެސް ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކޮށްދީ، އަދި އެ އެއާޕޯޓާއި މި ރަށް (ގައްދޫ)އާ އެއްގަމުން ގުޅާލަދޭނެ ވާހަކަދަންނަވަން. އެކަން ކުރުމަށްޓަކައި ބަޖެޓުން ޖާގަ ހޯދަން ޖެހޭތީ ވަގުތުކޮޅެއް ނަގާފާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމަކީ އެ ސަރަހައްދެއްގެ ތަރައްގީއަށް ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ދާއިރާއެއް ކަމަށާއި އެހެންކަމުން މި އަތޮޅުގައި އިތުރު ރިސޯޓުތައް ހުޅުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭގެ ސަބަބުން ފްލައިޓްތައް ގިނަކުރެވި، މިހާރަށްވުރެ ފެންވަރު ރަނގަޅު އަދި އެއްގަމުން ގުޅިފައިވާ އެއާޕޯޓަކަށް މާވަރުލު އެއާޕޯޓް ހައްދައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ބިން ހިއްކުން މިއަންނަ އަހަރަށް، އެއާޕޯޓު ގުޅާލުމުގެ މަސައްކަތް މި އަންނަ އަހަރުގައި ފަށާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ގައްދޫގައި ހޮސްޕިޓަލްގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ގައްދޫ ހޮސްޕިޓާ ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު ހަވާލުކޮށްފައިވީ ނަމަވެސް އެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
މާވަރުލުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެ އެއާޕޯޓުގެ ރަންވޭ އާއި ޓެކްސީވޭ އަދި ފަސިންޖާ ޖެޓީގެ މަސައްކަތް ކުރީ އެމްޓީސީސީންނެވެ.
މާވަރުލުގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައި ވަނީ 2020 ވަނަ އަހަރުގެ މާޗް މަހު 11 ވަނަ ދުވަހުއެވެ. އަދި ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ އެއަހަރުގެ ޖުލައި މަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު