އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރަން ހުއްދަދޭން އެންމެ ފަހުން ނިންމި ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ނުހިމެނޭ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާއިން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ. އެއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ފިޔާ ލިބުން މަދުވުމުގެ ސަބަބުންނެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން ވަކި ކޯޓާއެއްގެ ދަށުން ބައެއް ގައުމުތަކަކަށް ފިޔާ އެކްސްޕޯޓްކުރެވެއެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުން ފިޔާ އެކްސްޕޯޓުކުރުމުގެ ހާއްސަ ކޯޓާއެއް މިފަހަރު ކަނޑައަޅާފައި ވަނީ ބަންގްލަދޭޝް، ސްރީލަންކާ، މޮރިޝަސް، ބަހްރެއިން، ބޫޓާން އަދި ނޭޕާލަށެވެ.

އިންޑިއާއަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނައިން ފިޔާ އެކްސްޕޯޓްކުރާ ގައުމެވެ.