މިރޭ ދަންވަރުގެ ވަގުތެއްގައި ދުނިޔޭގެ ސަތަހައިގެ ތެރެއަށް ސެޓެލައިޓެއް ވައްޓާލާނެ ކަމަށް ޔޫރަޕިއަން ސްޕޭސް އެޖެންސީން ބުނެފިއެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީން ބުނެފައިވާ ގޮތުގައި އެ އެޖެންސީގެ ސެޓަލައިޓް އީއާރްއެސް-2 އޭ އަނބުރާ ދުނިޔެއަށް ވައްޓާލަން ނިންމާފައިވަނީ އޭގެ މަސައްކަތް ނިމުމާއި ގުޅިގެންނެވެ.

އީއާރްއެސް-2 ސެޓަލައިޓު ދުނިޔޭގެ ސަތަހައަށް ވަންނާނެ ކަމަށް ބެލެވެނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 12:00 އާއި 02:00 އާއި ދެމެދުގެ ވަގުތެއްގައެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީން ނެރުނު ބަޔާނެއްގައި ވަނީ ސެޓަލައިޓު ދުނިޔޭގެ ސަތަހައިގެ ތެރެއަށް ވައްޓާލަން ނިންމި ނަމަވެސް އެކަމުގެ ނުރައްކަލެއް ނެތް ކަމަށް ފާހަގަކޮށްފައެވެ.

ބަރުދަނުގައި 2.2 ޓަނު ހުރި އީއާރްއެސް-2 ދުނިޔޭގެ ސަތަހައަށް ވަނުމާއެކު ދުނިޔެއާއި 80 ކިލޯމީޓަރު މަތީގައި އެ ސެޓަލައިޓު އަނދައިގެން ދާނެ ކަމަށް އެޖެންސީން ބުނެއެވެ. އަދި ސެޓަލައިޓުގެ އަޅި ދުނިޔެއަށް ފޭބުން އެކަށީގެން ވާކަމަށާއި އެކަމުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ބުނެފައިވެއެވެ.

އީއާރްއެސް-2 ސެޓަލައިޓަކީ ދުނިޔޭ ބަލައި ދިރާސާ ކުރުމަށް 1995 ގައި ލޯންޗު ކުރި ސެޓަލައިޓެކެވެ. އެ ސެޓަލައިޓް ވެފައިވަނީ އެޒަމާނުގައި ޔޫރަޕްގައި ލޯންޗުކުރި އެންމެ ކާމިޔާބު ސެޓަލައިޓު ކަމުގައެވެ.