ޓޫރިޒަމްގެ އެންމެ ބޮޑު އަދި މަހުޖަނުން ހިމެނޭ ޖަމިއްޔާ (މަޓީ)ގެ ބޯޑު މެންބަރު ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު އިންތިހާބު ކޮށްފިއެވެ.

މަޓީގެ 34 ވަނަ އަހަރީ ޖަލްސާ ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި އިރު، އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މެންބަރު ކަމަށް ދެ ބޭފުޅަކު ވަނީ އިންތިހާބުކޮށްފައެވެ.

އެ ދެ ބޭފުޅުންނަކީ ޝަރީފުގެ އިތުރުން ރިޓްސް ކާލްޓަން މޯލްޑިވްސް އަދި ފަރި އައިލެންޑްސްގެ ޖެނެރަލް މެނޭޖަރު ރެނާޓޯ ދި އޮލިވޭރާއެވެ. އޭނާއަކީ މެރިއޮޓް އިންޓަނޭޝަނަލް ތަމްސީލު ކުރައްވާ ބޭފުޅެވެ.

މަޓީގެ ހިންގާ ކޮމިޓީގައި ދެން ތިއްބަވާ ބޭފުޅުންނަކީ:

  • ޗެއާމަން: ޔުނިވާސަލްގެ ގުރޫޕްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)
  • ވައިސް ޗެއާމަނުން: ޗަމްޕާ ގުރޫޕްގެ ވެރިޔާ ހުސައިން އަފީފް އަދި ވޮޔޭޖަސް މޯލްޑިވްސްގެ ހިއްސާދާރު ސަލާހު ޝިހާބު
  • ސެކްރެޓަރީ ޖެނަރަލް - ކްރައުން ކޮމްޕެނީގެ ހިއްސާދާރު އަހުމަދު ނަޒީރު

މަޓީން ބުނި ގޮތުގައި އެ ޖަމްއިއްޔާގެ 120 އަށް ވުރެ ގިނަ މެންބަރުންގެ ތެރެއިން 100 މެމްބަރަކު ބައިވެރިވެގެން ބޭއްވި އަހަރީ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.