ދ.އަތޮޅުގައި ގާއިމުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ މަސް ފެކްޓްރީގެ މަސައްކަތް މިއަހަރު ފެށޭވަރު ނުވާނެ ކަމަށް މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެންވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަނުންނެވެ.
އާމިރު މިނިސްޓަރާ ސުވާލު ކުރެއްވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ދ. އަތޮޅުގައި މަސްފެކްޓްރީއެއް ގާއިމު ކުރެއްވުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ގޮސްފައިވާ ހިސާބެއް އޮޅުންފިލުވުމަށާއި، މަސްވެރިކަމުގެ ސިނާއަތު ތަރައްގީކުރަން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން އޮޕަރޭޓް ކުރަމުން އަންނަ ތަންތަނާބެހޭ މައުލޫމާތު އޮޅުން ފިލުއްވުމަށެވެ.
މިނިސްޓަރު ވިދާޅުވީ، ދ. އަތޮޅުގައި މަސްފެކްޓްރީގެ މަސައްކަތް މިއަހަރުގެ ބަޖެޓްގައި ހިމަނާފައި ނުވާ ކަމަށެވެ. އެހެންކަމުން އެއީ މިއަހަރު ކުރިއަށްގެންދެވޭނެ މަސައްކަތެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.
މަސްވެރިކަމުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުގެ ތެރެއިން މިހާރު އޮޮޕަރޭޝަންގައި އޮތީ، މާންދޫ އެކަނި ކަމަށާއި އަދި އަމިއްލަ ފަރާތެއް ކަަމަށްވާ އެންސިސްއިން މަހުގެ އަގު 25 ރިފާއަށް ހެދިފަހުން ކަޅުބިލަމަހުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު