ސިޓީތަކާއި ރަށްރަށުގެ ކައުންސިލުތަކަށް އާމްދަނީ ހޯދުމަށް ފަޅުރަށްތައް ހޯދުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ރަށެއް ހޯދައިދިނުމަށް ފުވައްމުލަކު ސިޓީއަށް ސަރުކާރުގެ ހާއްސަ އެހީތެރިކަމެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދެކުނުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކު ސިޓީއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު މިރޭ ވިދާޅުވީ ކައުންސިލުތަކަށް ނަފާ ހޯދައިދިނުމަށް ގަވާއިދެއް ތައާރަފުކޮށްފައިވާނެ ކަމަށާއި އެއީ ކައުންސިލުތަކަށް ފަޅުރަށެއް ހޯދައިގެން އާމްދަނީ ހޯދުމުގެ ފުރުސަތު ކަމަށެވެ.

"މި ސިޓީގެ ކައިރިއަކު ނެތް ފަޅުރަށެއް. ގަވާއިދުގައި އޮންނާނީ އެހެން އޮންނަ ހާލަތްތަކުގައި ވެސް ރާއްޖޭގެ ކޮންމެ ދިމާލަކުން ރަށެއް ހޯދިޔަސް، އެ އޮންނަ އުސޫލުން ހޯދައިގެން އެކަން ކުރުމުގެ ފުރުސަތު ދޭނެ ކަމަށް. މިވަގުތު ގެޒެޓުގައި އޮންނާނީ ވަރަށް މަދު އަދަދެއްގެ ރަށްތަކެއްގެ ނަންތައް. އެހެންނަމަވެސް އެއީ އިތުރުކުރެވޭނެ ލިސްޓެއް. އިތުރުކުރެވި، އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި މިގޮތަށް ރަށްތައް ދީ، ފުރުސަތު ހުޅުވާލާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭރުން ކައުންސިލުތަކަށް އެ ދެވެނީ އަމިއްލައަށް އާމްދަނީ ހޯދުމުގެ ފުރުސަތު ކަމަށާއި ކައުންސިލުން ޖެހޭނީ އެ ރަށެއްގެ ރައްޔިތުންނާ ބައިވެރިވެ، ރަށްރަށުގެ ރައްޔިތުންގެ ކުދި ކުންފުނިތަކާ ގުޅެން ކަމަށެވެ. އަދި ގުޅިގެން އެ އަންނަ ޕްރޮޕޯސަލްތަކުގެ ތެރެއިން އެ ފަޅުރަށުގައި އިންވެސްޓުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އޭރުން ކައުންސިލަށް އާމްދަނީ ވަދެފައި، މި ދެންނެވި ރައްޔިތުންގެ އެކިއެކި ކުންފުނިތަކަށް ވެސް އާމްދަނީ ލިބޭނީ. ބޭރުން ބަޔަކު ގެނެސްގެން އިންވެސްޓުކުރުމުގެ ފުރުސަތު އެއަކު ނޯންނާނެ. ބޭރު ބަޔަކު ވެސް އަންނަން ވާނީ އޭގެ މޭޖާ ހޯލްޑިން ޕަވާ ރައްޔިތުންނަށް، ކައުންސިލަށް އޮންނަ ގޮތަށް. އެހެންވީމާ މި ފޯމިއުލާގެ ދަށުން ރަށްރަށް މި ހުޅުވާލީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުވައްމުލަކަށް ވެސް ކައިރީގެ އަތޮޅަކުން ވިޔަސް، އެ ފުރުސަތު ހޯދުމަކީ މަރުހަބާ ކިޔާ ކަމެއް ކަމަށާއި ހުވަދުއަތޮޅުން ނުވަތަ އެހެން ސަރަހައްދަކުން ވިޔަސް ފުވައްމުލަކަށް އެކަން ކުރުމުގައި ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ފުވައްމުލަކަށް ފަޅުރަށެއް ހޯދުމުގެ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އެކަމުގެ މަގުފަހިކޮށްދޭނަން އިރާދަކުރެއްވިއްޔާ. ކޮށްދީގެން އިރާދަކުރެއްވިއްޔާ ތިބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ގޮތަށް، މަދުވެގެން އެއް ރަށް މި ދަންނަވަނީ، އަދި އެއަށްވުރެ ގިނަ ރަށްތައް ވެސް ހޯދޭނެ. ހޯދުމަށްޓަކައި ވަރަށް ބޮޑު އެހީތެރިކަމެއް ދޭނަން، އިރާދަކުރެއްވިއްޔާ އެކަން ހާސިލުކޮށްދޭނަން. ހާސިލުކޮށްދެވުނީމަ ރަށުގެ ވިޔަފާރިތަކާއި ކައުންސިލާ ގުޅިގެން މި ދެންނެވި ހޯދާ ރަށުގައި ތިބޭފުޅުން އިންވެސްޓުކުރައްވަންވީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމަށް މަގުފަހިކޮށްދެއްވާނެ ކަމަށާއި ފުވައްމުލަކު ސިޓީއަށް ވިއްޔާ، ހާއްސަ ފުރުސަތެއް ދޭންޖެހޭ ކަމަށެވެ. އަދި ފުވައްމުލަކަށް އެކަމުގައި ސަރުކާރުގެ ސީދާ އެހީތެރިކަމެއް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ފުވައްމުލަކަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.