އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ގުޅުވައިދޭ ބުރިޖަކީ ރާއްޖޭގެ ތާރީހުގައިވެސް ހެދޭނެ އެންމެ ބޮޑު ބުރިޖު ކަމަށާއި އެ ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ ބުރިޖުގެ ޕްރިމިލިނަރީ މަަސައްކަތްތައް ކުރުމަށް "ދަ އަރަބް ކޮންޓްރެކްޓާސް"އާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

ރައީސް ދެކުނުގެ ހަތަރު އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ވަކިން އޮންނަ ރަށް، ހުޅުމީދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ހުޅުމީދޫ އާއި ހިތަދޫ ގުޅުވާލާ ބުރިޖަށް ވުރެ ބޮޑު ބުރިޖެއް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގައި ނުހެދޭނެ ކަމަށެވެ.

"މިހާ ދިގު ބުރިޖެއް. އަދި ރާއްޖޭގެ ތާރީހުގައިވެސް ހެދޭނެ އެންމެ ދިގު ބުރިޖު ހެދިގެން މިދަނީ މިހާތަނަށްވެސް އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގައި މިއަށް ވުރެ ބޮޑު ބުރިޖެއް ނުހެދޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ބުރިޖުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި ބުރިޖުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

"މިއަދު މި ވެވުނު އެއްބަސްވުން ދެން ބަދަލުވެގެންދާނީ މަސައްކަތްކުރުމުގެ ކޮންޓްރެކްޓަކަށް. އަމަލީ މަސައްކަތް ކުރުމުގެ ކޮންޓްރެކްޓަކަށްވެ ހަމަ މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި ބުރިޖުގެ އަމަލީ މަސައްކަތް ފަށާނަން. އަދި އަޅުގަނޑުގެ އަންދާޒާއަކީ ތިން އަހަރު، ހަތަރު އަހަރުގެ ތެރޭގައި މަސައްކަތް ނިމުން. މެކްސިމަމް ފޯ ޔިއާސް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދަތުރުފަތުރު ކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމްވެގެން ނޫން ގޮތަކަށް ދުނިޔޭގައި މިހާތަނަށް ބޮޑު ތަރައްގީއެއް އައިސްފައިނުވާ ކަމަށެވެ.

އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ގުޅުވާލާ ބުރިޖުގެ މަސައްކަތަށް, މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓަރސް" އިން ޝައުގުވެރިކަން ފާޅުކުރީ މިދިޔަ ޖެނުއަރީ މަހުއެވެ.