މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ސަރުކާރުން ދޭންޖެހޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނާ 280 މިލިއަން ރުފިޔާ ދޫކުރުމަށް ވަގުތުކޮޅެއް ދެއްވުމަށް ގއ. ކޫއްޑޫގައި މުޒާހަރާ ކުރަމުންދާ މަސްވެރިންގެ ކިބައިން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު އެދިވަޑައިގެންފިއެވެ.
މިފްކޯއަށް ކިރާ މަހަށް ފައިސާ ނުލިބި ދިިގުލައިގެންދާ ކަމަށް ބުނެ، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ވަދެ މަސްވެރިން މިއަދު ހެނދުނުން ފެށިގެން ދިޔައީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާގެ ތެރެއިން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް ވަނީ ހުއްޓުވައިފައެވެ.
އެ މައްސަލަ ހައްލުކުރުމަށް ކޫއްޑޫއަށް ވަޑައިގެން މުޒާހަރާ ކުރަމުންދިޔަ މަސްވެރިންނާ ބައްދަލުކުރައްވައި ޝިޔާމު ވިދާޅުވީ، ގައުމަށް މިއަދު ދިމާވެފައި އޮތީ އުދަނގޫ ވަގުތުކޮޅެއް ކަމަށެވެ. ނަމަވެސް މަސްވެރިންނަށް ގެންނަ ތަސައްވަރާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރު މަސްވެރި އާއިލާތަކަށް ނިކަމެތި ކަމެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ.
"ހަމަ ކުޑަ ވަގުތުކޮޅެއް އަޅުގަނޑުމެންނަށް ދެއްވާށޭ މި ދަންނަވަނީ." ޝިޔާމު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހޯދަން އެކި ގޮތް ގޮތުން ވަރަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ބޭންކުތަކާއި ފިނޭންސް މިނިސްޓްރީއާއި މިފްކޯއާއެކީގައި މަސައްކަތް ކުރަމުންދާ ކަމަށާއި މާޗު ފަހެއްގެ ކުރިން ފައިސާ ދައްކައި ނިންމާނެ ކަމަށް ވިދާޅުވިއެވެ.
ޝިޔާމު ތަކުރާރުކޮށް އެހެން ވިދާޅުވި ނަމަވެސް، އެތަނުގައި ތިބި ބައެއް މަސްވެރިން ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ. މަސްވެރިން ބުނަމުން ދިޔައީ ސަރުކާރުގެ ބަހަށް އިތުބާރު ނުކުރާ ކަމަށާއި ފައިސާ ދޫކުރަން ވަގުތު ދެވިއްޖެ ކަމަށެވެ. އަދި މާޗު ފަހެއް ވަންދެން ނުތިބެވޭނެ ކަމަށްވެސް ބުނަމުންދިޔައެވެ.
ޝިޔާމް މިރޭވެސް ވަނީ ކޫއްޑޫގައި ތިބި ކެޔޮޅުންނާ ބައްދަލު ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު