ރާއްޖޭގެ އިގުތިސޯދު ބަނގުރޫޓުވެ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އެހީއަށް އެދިފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި މަޝްހޫރު އެކައުންޓެއް ކަމަށްވާ "ހަސަން ކުރުސީ" އަދި "ދިޔަވަރު" ނޫހުން މިރޭ ކުރި ޕޯސްޓެއްގައި ވަނީ، ރާއްޖެ ބަނގުރޫޓުވެފައިވާތީ، އައިއެމްއެފްގެ އެހީއަށް އެދުމުގެ ގޮތުން، ރާއްޖޭގެ މާލީ ނިޒާމަށް ބަދަލުތަކެއް ގެންނަން ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން އާސަންދައިގެ ހިދުމަތްދޭ ގޮތަށް ބަދަލު ގެނައުމާއި، ބޮޑުކުރަން ނިންމާފައިވާ މުސާރަތައް ބޮޑު ނުކުރުމަށާއި ސަރުކާރު ކުންފުނިތައް ޕްރަވައިޓް ކުރުމަށް ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅިގެން ސައީދު "ވަން" އަށް މިރޭ ވިދާޅުވީ އެއީ ހުސް ދޮގު ވާހަކަތަކެއް ކަމަށާއި ރާއްޖޭގެ އިގުތިސޯދު ދަނީ ކުރިއަރަމުން ކަމަށެވެ. އަދި ރާއްޖެއިން އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

"އެއީ ހަމަ ކަނޑައެޅިގެން ދޮގެއް، ސިޔާސީ ގޮތުން މަޔޫސްވެފައިވާ ބަޔަކު ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ގެއްލުވާލުމުގެ ގޮތުން ދައްކާ ވާހަކަތަކެއް،" ސައީދު ވިދާޅުވިއެވެ.

ސައީދު މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައިވަނީ މިއަހަރު ރާއްޖޭގެ އިގުތިސޯދަށް 5.5 ޕަސަންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ކުރީ ސަރުކާރުން ވަނީ ރާއްޖޭގެ މާލީ ހާލަތު ނުރައްކާ ދަރަޖައަކަށް ވައްޓާލާފައި ކަމަށެވެ. އެ މާލީ ދަތިތަތަކުން ސަލާމަތްވުމަށާއި، ދަރަންޏާއި، ކުރީ ސަރުކާރުން އަމިއްލަ ފަރާތްތަކަށް ނުދައްކާ ހުރި ބިލުތައް މި ސަރުކާރުން ދައްކަމުންދާ ކަމަށް ސައީދު ވިދާޅުވެފައިވެއެވެ.

"މިއަހަރު އިންޝާﷲ ރާއްޖޭގެ އިކޮނޮމީ 5.5 ޕަސަންޓުގެ ކުރިއެރުމެއް ލިބޭނެ،" ސައީދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވެފައިވަނީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)އަށް މިހާރު ފައިސާ ޖަމާކުރަމުންދަނީ ޑޮލަރުން ކަމަށެވެ.