ބާ ކައުންސިލުގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފިއެވެ.

ބާ ކައުންސިލުގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިމިވަނީ އެ މަގާމުގައި ހުންނެވި އިސްމާއިލް ވިޝާމް މިދިޔަ މަހުގެ 31 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.

ސަރުކާރުގެ ގެޒެޓުގައި ބާ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަގާމުތައް ކަމުގައިވާ ބާ ކައުންސިލުގެ ރައީސްގެ މަގާމު އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމުގެ މަގާމަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު، އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

"ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ ބާ ކައުންސިލަށެވެ. މި ތަކެތި ބަލައިގަންނާނީ 18 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުން ފެށިގެން 22 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް،" ބާ ކައުންސިލުން ބުންޏެވެ.

  • ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން
  • ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުއީ ކޯޓަކުން ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން
  • ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، އިންތިހާބަށް ކުރިމަތިލާ ފޯމާއެކު، އެމީހަކު އިންތިހާބުގައި ހާއްސަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ގަސްދުކުރާނަމަ އެ ނިޝާން/ލޯގޯ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުރިހަމަކޮށްފައިވާ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފުކޮށްފައިވާ ފޯމުގެ އިތުރުން އިންތިހާބަށް ކުރިމަތިލާ މީހާގެ ޕާސްޕޯޓް ސައިޒްގެ ކުލަ ފޮޓޯ (ސޮފްޓު ކޮޕީ) އެއް ހުށަހަޅަންވާނެ ކަމަށް އިއުލާނުގައި ބުންޏެވެ.

އަދި އިންތިހާބަށް ކުރިމަތިލާ މީހާގެ މަންދޫބުންގެ ގޮތުގައި އައްޔަނު ކުރާ މީހުންގެ މައުލޫމާތައި އިދާރީ ފީގެ ގޮތުގައި 5،000 ރުފިޔާ ބާ ކައުންސިލަށް ދައްކަންޖެހޭނެ ކަމަށް އިއުލާނުގައި ބާ ކައުންސިލުން ބުންޏެވެ.