އަލިރަސްގެފާނުގެ ޖިހާދުން ލިއްބައިދޭ ފިލާވަޅަކީ އަދުއްވުންގެ ކުރިމަތީގައި އިންޗިއެއްހާ މިންވަރަށް ވެސް ފަހަތަށް ޖެހިގެން ނުވާނެކަން ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އަލިރަސްގެފާނުގެ ގުރުބާނީ ތާއަބަދަށް ހަނދާން ކުރަން ޖެހޭނެ ކަމަށެވެ. ރާއްޖޭގެ އިސްލާމީ ވަހުދަތު ހިމާޔަތް ކުރުމަށްޓަކައިވެސް އަލިރަސްގެފާނުގެ ޖިހާދުގެ ހަނދާން އާކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި ލޮބުވެތި ފަސްގަނޑުގެ ދިފާއުގައި ޖިހާދު ކުރެއްވި އެންމެހާ އަބުތާލުންގެ ޖިހާދުން ނުހަނު މުހިންމު ދަރުސްތަކެއް، ނުހަނު މުހިންމު ފިލާވަޅުތަކެއް ލިއްބައިދޭ. އެއީ އަޅުގަނޑުމެންގެ ކޮންމެ ދިވެހި ދަރިއަކު ވަފާތެރިކަމާ، އަމާނަތްތެރިކަމާއެކު ދީނާއި ގައުމަށް ހިދުމަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް ކަމުގައި ހަދަންޖެހޭނޭކަން. ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ދީނާއި ގައުމުގެ މަސްލަހަތު އިސްކުރަން ޖެހޭނޭކަން. ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އަދުއްވުން ކުރިމަތީގައި އިންޗިއެއްވެސް ފަހަތަށް ނުޖެހޭނޭކަން،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ގައުމީ ބަތަލުން ފަދައިން، ގައުމީ ވާޖިބު އަދާކުރަނިކޮށް ދުނިޔެ ދޫކޮށް ދިޔަ ހިދުމަތްތެރިންގެ ވެސް ޒިކުރާ އާކުރަން ޖެހޭނެ ކަމަށެވެ.
އަދި ވިދާޅުވީ މިއަދުގެ ޅަދަރިންނަކީ މާދަމާގެ މުސްތަގުބަލަށް ކަމަށްވާ އިރު، އެ ދަރިންގެ ހިތްތަކުގައި ގައުމީ ލޯބި އާލާކުރުން މުހިންމު ކަމަށެވެ. ޅަދަރިންގެ ހިތްތަކުގައި ގައުމީ ލޯބި އަލާކުރުމަށް ގައުމީ ބަތަލުންނާއި ގައުމީ ހިދުމަތްތެރިންގެ ޒިކުރާތައް އާކުރުން މުހިންމު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު