ދުބާއީގެ ބުރުޖް އަލް އަރަބުގައި އިއްޔެ ބޭއްވި އިންވެެސްޓްމަންޓް ފޯރަމަށް ވަޑައިގެންނެވި ގިނަ އަދަދެއްގެ ވިޔަފާރިވެރިން އަޅުގަނޑާ ބައްދަލުވިއެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ޔޫއޭއީގައި ފުޅާކޮށް ވިޔަފާރިކުރައްވާ މަހުޖަނު އާއިލާއެއް ކަމަށްވާ އަލްސުވޭދީ އާއިލާގެ ޔުނައިޓެޑް ސްޓާ ގުރޫޕުގެ ސީއީއޯ ނިޕޫނާ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންވެސްޓް ކުރުމަކީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި "ވިން/ވިން" އިންވެސްޓްމަންޓެކެވެ. އެހެންވެ އެ ކުންފުނިން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން 2019 ވަނަ އަހަރު ދިވެހި ސަރުކާރަށް ހުށަހެޅިއެވެ. އޭރު ހުށަހެޅީ އިލެކްޓްރިކް އެއާކުރާފްޓުތަކެއް ރާއްޖޭގައި ބޭނުން ކުރުމަށެވެ.
ނިޕޫނާ ވިދާޅުވި ގޮތުގައި އެ ޕްރޮޕޯސަލަށް ސަރުކާރުގެ މާބޮޑު ޝައުގުވެރިކަމެއް ނުލިބެއެވެ. ޖަވާބެއްވެސް ނުލިބުނެވެ. އެ ފަހުންވެސް ގިނަ ޕްރޮޕޯސަލްތަކެއް ސަރުކާރަށް ފޮނުއްވި ނަމަވެސް އެއިން އެއްވެސް ޕްރޮޕޯސަލަކަށް ސަރުކާރުން އިޖާބަ ނުދިން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު އޭނާއަށް އެތައް ގޮތަކުން ތަފާތެވެ. ނިޕޫނާ ވިދާޅުވި ގޮތުގައި މި ސަރުކާރުގެ މިނިސްޓަރުންނަކީ އިސްނަގައި, ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރައްވާ ބޭފުޅުންނެވެ. އޭގެ އެއް މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ, އަންނަ ސެޕްޓެމްބަރު މަހު އެ ކުންފުނިން ރާއްޖޭގައި އިންވެސްޓް ކުރަން ނިންމާފައިވާ އިންޓަނޭޝަނަލް ޓޫރިޒަމް ޑްރޯން ފެސްޓިވަލެވެ. ސަރުކާރުގެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޕްރޮޕޯސަލް ހުށަހަޅައި, އެކަމުގެ އެއްބަސްވުމާ ހަމައަށް ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ފުރަތަމަ ކަމަކީ ޑރ. މުއިއްޒުގެ ސަރުކާރަކީ އަޑުއަހާ ބައެއް. އެއީ ފުރަތަމަ ކަންތައް. އެ މީހުން އަހަރެމެން ރިޖެކްޓެއް ނުކުރޭ. އެ މީހުން އަހަރެމެންގެ ޕްރޮޕޯސަލްތައް އަޑުއަހާ. އިންވެސްޓަރުންގެ ޝައުގުވެރިކަން ހުންނާނީ އެ މީހުން ބޭނުންވާ ގޮތަށް އިންވެސްޓް ކުރަން. ސަރުކާރުން ޖެހޭނީ ގާނޫނާއި ގަވާއިދުގެ ދަށުން އެކަމަށް މަގުފަހިކޮށްދޭން. އެއާއެކު ރަނގަޅު ޕްލެޓްފޯމެއް އޮންނަން ޖެހޭނެ. ޑރ. މުއިއްޒުގެ ސަރުކާރުން މިހާރު ވެސް ވަނީ އެ ޕްލެޓްފޯމް ގާއިމުކޮށްފައި," ނިޕޫނާ ވިދާޅުވިއެވެ.
ޔުނައިޓެޑް ސްޓާ ގުރޫޕުގެ ސީއީއޯގެ ތައުރީފު މި ސަރުކާރަށް ކުރެއްވި އިރު, އެ ކުންފުނިން މިހާރުވެސް ވަނީ ރާއްޖޭގައި އިންވެސްޓް ކުރަން ދިވެހި ސަރުކާރަށް ޕްރޮޕޯސަލްތަކެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ހަ ރީޖަނަލް އެއާޕޯޓް ތަރައްގީކުރުމާއި ޓޫރިޒަމް ވިޔަވާރިއާއި އައްޑޫގައި ހައުސިން މަޝްރޫއެއް ހިންގުން ހިމެނެއެވެ.
އިންވެސްޓްމަންޓް ފޯރަމަށް ރާއްޖޭން އިއްޔެ ދައުވަތު ދިނީ ހަމައެކަނި ޓޫރިޒަމް ދާއިރާއަށް އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި އިންވެސްޓަރުންނަށް ހުޅުވާލީ މި ސަރުކާރުގެ ތަރައްގީގެ ބޮޑެތި އިންވެސްޓްމަންޓްތަކެވެ. ރާއްޖެ ކުރިއަށް އޮތް ވިއްސަކަށް އަހަރު އޮންނަން ބޭނުންވާ ގޮތުގެ ތަސްވީރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު