ގިނަ ހިދުމަތްތައް ލިބޭ ގޮތަށް ކުޅުދުއްފުށީ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލް ތަރައްގީ ކުރުމަށް ނިންމައިފިއެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން މިއަދު ބުނީ ކުޅުދުއްފުށި އެއާޕޯޓްގެ ޕަސެންޖާ ޓާމިނަލްގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތަކި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފުތާ 14" ގެ މަގުޗާޓުގައި ހިމަނާފައިވާ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އާރުއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ އޭނާ ކުންފުންޏާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް މަޝްރޫއަކީ ކުޅުދުއްފުށި އެއާޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އިތުރުކުރަންޖެހޭ ހުރިހާ ހިދުމަތްތަކެއް އިތުރު ކުރުމާއި ޕަސިންޖަރުންނަށް އެއާޕޯޓުން އަދި ޓާމިނަލުން ލިބެންޖެހޭ ހުރިހާ ހިދުމަތްތައް ހިމެނޭ ގޮތަށް ކޮންސެޕްޓް ފަރުމާކުރުން ކަމަށެވެ.

މުބީން ވިދާޅުވީ ކޮންސެޕްޓް ކުރެހުމުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށާއި އެންމެފަހުން ކުޅުދުއްފުއްޓަށް ކުރެވުނު ދަތުރުގައި ކުޅުދުއްފުށި ކައުންސިލާ ބައްދަލު ކުރައްވައި އެކުރެހުން ހުށަހަޅައި އެބޭފުޅުންގެ ހިޔާލު ހޯއްދަވާފައިވާ ކަމަށެވެ.

އާރުއޭސީއެލުން ބުނީ އަލަށް ހަދާ ޓާމިނަލްގެ ޑިޕާޗާ އަދި އެރައިވަލް ޓާމިނަލް ބޮޑުކުރެވިގެންދާ ކަމަށާއި ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ބޭނުންކުރާ އެންމެ ބޮޑެތި އެއާ ކްރާފްޓްތަކަށް ހިދުމަތް ދެވޭ ޓާމިނަލަކަށް ވެގެންދާނެ ކަމަށެވެ. ޓާމިނަލްގައި ދަތުރުކުރާ ފަރާތްތަކަށާއި އާންމު ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ހުންނާނެ ކަމަށާއި އެގޮތުން ފާހަނާ، މައިންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރި، ނަމާދު ކުރާ ކޮޓަރި، ކެފޭގެ ހިދުމަތް، އިންފޮމޭޝަން ކައުންޓަރު ހުންނާނެ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން އެއާޕޯޓު ސަރަހައްދުގައި ޕާކިން އޭރިއާއަކާއި އެއާޕޯޓަށް އިތުރު ފުރިހަމަކަން ގެނެސްދޭނެ ކަންކަން ހިމަނާފައިވާ ކަމަށްވެސް ބުންޏެވެ.