މިދިިޔަ ބުދަ ދުވަހު ގަލޮޅު ދަނޑުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ބައްދަލުކުރި ދެވަނަ ޑިވިޝަންގެ ކުއާޓާ ފައިނަލް މެޗުގައި ކުޑަހެންވޭރުގެ ސަޕޯޓަރުން ހިންގި މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

އެ މެޗު ނިމެން ކައިރިވެފައިވަނިކޮށް ކުޑަހެންވޭރުގެ ސަޕޯޓަރުންތަކެއް ވަނީ ދަނޑަށް އަރައި ވިކްޓަރީގެ ބިދޭސީ ކުޅުންތެރިއަކަށާއި އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދަށްވެސް ހަމަލާ ދީފައެވެ.

ކުޑަހެންވޭރުގެ ސަޕޯޓަރުން ދަނޑަށް އެރީ މެޗުގެ ތެރޭގައި ކުޑަ ހެންވޭރުގެ ކުޅުންތެރިޔަކަށް ގަސްދުގައި ހަމަލާ ދިނުމުންނެވެ.

އެ ހަމަލާއާ ގުޅިގެން މިފަހަރު ހައްޔަރުކޮށްފައިވަނީ، މއ. ފިއްލަދޫގެ، އިބްރާހިމް ލުބާން އަބުދުﷲ، 20 އެވެ. އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ ފަސް ދުވަސް ދީފައެވެ.

އޭނާގެ މައްޗަށް ފުލުހުން ކުރަނީ، މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި އިންޒާރު ދިނުމުގެ އިތުރަށް އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގުމުގެ ތުހުމަތެވެ.

ގަލޮޅު ދަނޑުގައި މާރާމާރީ ހިންގި މައްސަލައިގައި މީގެ ކުރިން އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ އިބްރާހިމް ނުއައިމް ޝަރުމީލް، 19، އިބްރާހިމް އަލީފް ރައޫފް، 34، ހ. ހިލްޓަން، ރިކްޒު އާދަމް، 21އ، ފައިވްރޯސް/ގދ. ތިނަދޫ އަދި އަބުދުއްރަހުމާން ބިން އަބުދުﷲއެވެ. އޭގެ ތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް އަދި އެކަކުގެ ބަންދަށް ފަސް ދުވަސް ވަނީ ދީފައެވެ.