ސެލޫން އަދި މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކުމުގެ މަސައްކަތް ކުރާ 111 ތަނެއް މާލެ ސަރަހައްދުގައި އެބަހުރި ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފިއެވެ.

ހޯމްލޭންޑް މިނިސްޓްރީން އިސްކަންދަރު ކޮށީގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ، ސެލޫންތަކުގެ ނަމުގައި މާލެ ސަރަހައްދުގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދާ 111 ތަނެއް ފާހަގަވެފައިވާ ކަމަށާއި އެ ތަންތަނާ ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ހަށިވިއްކުމަށްޓަކައި ޓޫރިސްޓް ވިސާގައި މީހުން އެތެރެކޮށް ބޭނުން ކުރޭ. އެފަދަ މީހުން ވަގުތުން ޑީޕޯޓުކުރުމުގެ މަސައްކަތް މި ވުޒާރާއިން އަންނަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ހަށިވިއްކުމުގެ ބައެއް މައްސަލައާއި އިންސާނީ ވަގުފާރީގެ މައްސަލަތަކާވެސް ގުޅޭ ކަމަށެވެ. އެގޮތުން، އިންސާނީ ވަގުފާރީގައި އުޅޭ ބިދޭސީ ބައެއް ރިންގުތައް ދެނެގަނެވިފައިވާ ކަމަށާއި އޭގެން ރިންގެއްގެ އިސް މީހަކު މިދިޔަ މަހުވެސް ޑީޕޯޓްކޮށްލާފައިވާ ކަމަށް ވިދާޅުވިއެވެ.

މަސާޖު ޕާލާތަކާއި ސެލޫންތަކުގައި ހަށިވިއްކުމަކީ، ހައްލުނުވެ އޮތް ޒަމާންވީ މައްސަލައެކެވެ. އެފަދަ ތަންތަނުން ދިވެހީންނާއި ބިދޭސީންވެސް މީގެ ކުރިން ހައްޔަރުކޮށްފައިވެއެވެ.