ހާލަތު ބަދަލުނުވާ ނަމަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް އިތުރަށް ކުޑަކުރަން އެ ބޭންކުން ނިންމާފައިވާކަން "ވަން" އަށް އެނގިއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ބީއެމްއެލުން ނިންމާފައިވަނީ، ޑޮލަރުގެ ތާށިކަން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެމިއޮތް ކަމުގައިވާ ނަމަ، ކާޑުތަކެއްގެ ލިމިޓް ކުޑަ ކުރުމަށެވެ. ނަމަވެސް ބޭންކުން އަދި ރަސްމީކޮށް އެކަން އިއުލާނެއް ނުކުރެއެވެ. އަދި ކުޑަކުރަން ނިންމާފައިވަނީ ކިހާ އަދަދަކަށް ކަމެއްވެސް ސާފެއް ނޫނެވެ.

ރާއްޖެއިން ބޭރުގައި ބޭންކުގެ ކާޑުތަކުން މިހާރު މަހަކަށް މުއާމަލާތް ކުރެވެނީ، ޑެބިޓް ކާޑެއް ނަމަ 250 ޑޮލަރެވެ. އަދި ކްރެޑިޓް ކާޑެއް ނަމަ 750 ޑޮލަރެވެ.

ކާޑުގެ ލިމިޓް ކުޑަކުރުމާ ގުޅޭ ގޮތުން ބީއެމްއެލުން ބުނީ، ބޭރު ފައިސާ ލިބުމުގައި އެ ބޭންކަށް ދިމާވާ ދަތިތަކާ ގުޅިގެން ރުފިޔާ އެކައުންޓްތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓުތައް މުރާޖައާކުރުމާ މެދު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ބީއެމްއެލް ފިޔަވައި ރާއްޖޭގެ ބޭންކުތަކުގައި ހުޅުވާފައިވާ ރުފިޔާ އެކައުންޓްތަކަށް ދޫކުރާ ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތެއް ނުކުރެވެއެވެ.