ރައްޔިތުންގެ މަޖިލިސް އިންތިހާބު އަންނަ ރަމަޟާން މަހަށްފަހު ބާއްވާގޮތަށް ބަދަލުކުރަން ޖެހުނަސް، އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި މުއްދަތު އިތުރުނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

އިންތިހާބުގައި ވާދަކުރުމަށް އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، ފަހު ވަގުތާ ޖެހެންދެން މަޑުނުކޮށް ވީހާވެސް އަވަހަށް ފޯމު ހުށަހެޅުމަށް އީސީން ވަނީ އެދިފައެވެ. އިންތިހާބުގައި ވާދަކުރުމަށް އިއްޔެގެ ނިޔަލަށް ހުށަހަޅާފައިވަނީ އެންމެ 18 ފޯމެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން ހަބީބު މިއަދު ވިދާޅުވީ އެއީ ގާނޫނުން ކަނޑައަޅާފައިވާ މުއްދަތެއް ކަމުން އިންތިހާބު ފަސްކުރިޔަސް، ކުރިމަތިލުމުގެ މުއްދަތު އިތުރުކުރެވެން ނޯންނާނެ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތަށް އޭރުން ކުރިމަތިލުމަށް 16 ދުވަހުގެ ފުރުސަތެއް ދެވިފައިވާނެ ކަމަށް ވިދާޅުވިއެވެ.

"ގާނޫނު އޮންނަ ގޮތުން މުޅިއެކު 16 ދުވަސް. އެހެންވީމަ އެ 16 ދުވަސް މީގައި ހިމެނޭ. އެންމެ ފަަހު ވަގުތަށް ނުތިއްބަވާ އެޕްލިކޭޝަން ދެއްވުން އެއީ ވަރަށް މުހިންމު ކަމެއް. ފަހަރެއްގައި އެޕްލިކޭޝަންގައި މައްސަލައެއް ޖެހިދާނެ ލާން ޖެހޭ އެއްޗެއް މަދުވެގެން. ބުދަ ދުވަހުގެ 2:00ގެ ކުރިން ނުވައްދައިފިއްޔާ އޭގެ ފަހުން ވެއްދޭނެ އެއްވެސް ގޮތެއް ނޯންނާނެ، އީސީގެ ގަވައިދަކުން ނުވަތަ ކޮމިޝަނަކުން މަދުކޮށް، އިތުރުކުރާ އެއްޗެއް ނޫން އެއީ. ގާނޫނުން އޮންނަ މުއްދަތު ދެވޭނީ،" ހަބީބު ވިދާޅުވިއެވެ.

އީސީން ހަމަޖައްސާފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. އެއީ ރަމަޟާން މަހުގެ ހަތްވަނަ ދުވަހެވެ.

ރޯދަ މަހުގެ ތެރޭ އިންތިހާބު ނުބާއްވައި، ފަސްކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ އެ ބިލު ވަގުތީ ކޮމިޓީއަށް ފޮނުވުމުން، ކޮމިޓީން މިދިޔަ ބުދަ ދުވަހު ފާސްކޮށްފައިވަނީ އަންނަ ރޯދަ މަސް ނިމި، 10 ދުވަސްފަހުން އިންތިހާބު ބާއްވަން ޖެހޭގޮތަށް އިސްލާހު ގެނައުމަށެވެ.

މަޖިލީހަށް ބިލު ހުށަހަޅުއްވަމުން ޝިފާއު ވިދާޅުވެފައިވަނީ، މިއީ މިހާރު ގާނޫނު އޮތް ގޮތުން މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ ރަމަޟާން މަހާ ދިމާވާތީ ކުރިމަތިވާނެ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި ހުށަހެޅުއްވި ބިލެއް ކަމަށެވެ.

ރޯދަމަހު އެވަރުގެ ބޮޑު އިންތިހާބެއް ބާއްވައިފިނަމަ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، ގިނަ ބަޔަކު ވޯޓުލުމަށް ނުނިކުމެދާނެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން އީސީން ބުނެފައިވަނީ ރޯދަ މަހުގެ ފަހަށް އިންތިހާބު ފަސްކުރެވޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ.

އެހެންކަމުން ރޯދަމަހު އިންތިހާބު ނުބޭއްވޭ ގޮތަށް އިސްލާހު ގެންނަން ހުށަހަޅާފައިވަނީ އެ ގާނޫނުގެ 43 ވަނަ މާއްދާއަށެވެ.

އެ މާއްދާގެ (ހ) ގައި ބުނަނީ އިންތިހާބެއްގައި ވޯޓު ނަގާ ދުވަހާއި ވޯޓު ނަގާ ގަޑި އަދި އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގާ ނިންމާ ގަޑި އާއި ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި އިއުލާން ކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

އޭގެ ފަހަތަށް ދެ އަކުރެއް އިތުރުކުރަން ބިލުގައި ހިމަނާފައިވާ އިރު، (ށ)ގެ ގޮތުގައި އެ މާއްދާގައި ހިމަނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިހާބު ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިހާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށްވެސް ބުނެފައިވެއެވެ.

މި މާއްދާގެ (ނ)ގެ ގޮތުގައި އިތުރު ކުރަން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، މި މާއްދާގެ (ށ) ގައި ބުނި ހާލަތުގައި އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ، މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތަށް އިންތިހާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލު ގެނެސް އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށެވެ.

އިބުތިދާއީ ބަހުސަށްފަހު މި ބިލު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ފާސްކުރީ އިއްޔެގެ ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 39 މެންބަރުން ފެންނަ ކަމަށް ވޯޓު ދެއްވައިގެންނެވެ. ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ބަލައިގެނަ އިތުރަށް ދިރާސާ ކުރުމަށް ފަސް މެންބަރުންގެ ކޮމިޓީއަކަށް ފޮނުވަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

މި އިސްލާހު ފާސްވެއްޖެނަމަ އެއަށްފަހު އެއްވެސް އިންތިހާބެއް ރޯދަމަހުގެ ތެރެއަކު ނުބޭއްވޭނެއެވެ.

މި ބިލަށް ވެރިކަން ހިންގާ ޕީއެންސީން ވަނީ ދެކޮޅު ހަދައިފައެވެ.