ސަރުކާރުން ފަރާތުން ރޯދަ މަހު ދޭ ހިލޭ ހަނޑުލާއި ފުށް ބޭނުންވާ މީހުން ރަޖިސްޓްރީވުމަށް ޕޯޓަލެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ ރޯދަ މަހު ރާއްޖޭގައި ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އެހެންކަމުން މާލެ، ވިލިމާލެ، އަދި ހުޅުމާލޭގެ ގޭބިސީތަކުގައި ދިރިއުޅޭ މީހުން މިމަހުގެ 25 ކުރިން ނަން ނޯޓު ކުރުމަށް ހުޅުވާލާ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން ފަހުން ވަނީ އެ އިއުލާން ބާތިލުކޮށްފައެވެ.

ސިޓީ ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އާމިނަތު ޝަތުފާ "ވަން" އަށް މިއަދު ވިދާޅުވީ، އެ އިއުލާން ބާތިލުކުރީ ހިލޭ ހަނޑުލާއި ފުށް ބޭނުންވާ މީހުން ރަޖިސްޓްރީވުމަށް ހާއްސަ ޕޯޓަލެއް ހެދުމުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

"ޕޯޓަލް ހެދުމަށްފަހު އަލުން ރަޖިސްޓްރީވުމަށް ހުޅުވާލާނެ ހޯމަ ދުވަހު" އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ވިދާޅުވެފައިވަނީ އަންނަ ރޯދަ މަހު ސަރުކާރުން ކޮންމެ ގޭބީސީއަކަށް ހިލޭ ހަނޑޫ ބަސްތާއަކާއި ފުށް ބަސްތާއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވެފައިވަނީ ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ އަދި ފުށް ބަސްތާއެއް ސަރުކާރުގެ ފަރާތުން ދޭނެ ކަމަށެވެ.